އެމްޑީޕީގެ ނިންމުން އަލުން މުރާޖަޢާކޮށްދެއްވަން މަޙްލޫފް އެދިވަޑައިގެންފި

ވެރިކަން ކުރާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފަށް އެ ޕާޓީން ނިންމަވައިފައިވާ ނިންމުމަކީ، ގާނޫނީ އިމުން ބޭރުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް ނިންމައިފައިވާ ނިންމުމެއް ކަމަށް ވިދާޅުވެ އެ ނިންމުން އަލުން މުރައާޖާކޮށްދެއްވާއި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދެއްވުމަށް އޭނާ އެދިވަޑައިގެންފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް މިއަދު ފޮނުއްވި ސިޓީއެއްގައި މިނިސްޓަރ މަޙްލޫފް ވަނީ އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ހަދާފައިވާ ގިނަ ގޯސްތަކާއި އަދި އެމަނިކުފާނާ މެދު ނިންމަވައިފައިވާ ނިންމުމަކީ ސައްހަ ނިންމުމެއް ނޫންކަން ސާބިތުކޮށްދެއްވުމަށް ގިނަ ވާހަކަތަކެއް ހިމަނުއްވައިފައެވެ.
މަހުލޫފް ވިދާޅުވީ ގާނޫނީ ގޮތުން އޭނާއަކީ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު 2021ގައި ވާދަކުރުމަށް ޝަރުތު ފުރިހަމަވާ މީހެއް ކަމަށާ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމައި ހަވާލާދީފައިވާ ސިޓީގައި ފާހަގަކޮށްފައިވާ ކަމަކީ ދާއިރާތަކުގެ އިންތިހާބު 2021ގައި ވާދަކުރައްވާ ކެންޑިޑޭޓުން ކުރިމަތުލުމުގެ ފުރުސަތު ހުޅުވާލިކަން އެންގުމަށް އޭޕްރީލް 24، 2021 ގައި ޕާޓީގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ އިއުލާނުގައި ހިމަނައިފައިވާ ޝަރުތެއް ނޫން ކަމަށެވެ. އަދި އެއީ އެމްޑީޕީގެ އިންތިހާބުތަކާ ބެހޭ ގަވާއިދުގައި ވެސް ބަޔާންކޮށްފައިވާ ޝަރުތެއް ނޫން ކަމަށް ވިދާޅުވެފައިވެއެވެ.
"އެމްޑީޕީގެ އިންތިހާބުތަކާބެހޭ ގަވާއިދުގައިވާ ގޮތުން އެތެރޭގެ އިންތިހާބުތަކުގައި ވާދަކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތު ކަނޑައެޅުމުގައި ބަލަން ޖެހެނީ ގާނޫނު އަސާސީއާއި ގާނޫނެއްގައި އެ މަގާމުތަކަށް ޝަރުތު ކަނޑައަޅާފައި ވާނަމަ އެ ޝަރުތަކަށެވެ. އެ ނޫން މަގާމުތަކަށް ވަކި ޝަރުތުތަކެއް ކަނޑައަޅައިފައެއް ނުވެއެވެ. އަދި އެ ނޫން މަގާމުތަކަށް ޝަރުތު ކަނޑައަޅާ ނަމަ އެމްޑީޕީގެ އަސާސީގަވާއިދުގައިވާ އިޖުރާއަތްތަކާ އެއްގޮތަށް އިންތިހާބުތަކާ ބެހޭ ގަވާއިދު އިސްލާހުކޮށް އެފަދަ ޝަރުތުތައް އިންތިހާބަށް އިއުލާންކުރުމުގެ ކުރިން ކަނޑައެޅުމަކީ ޑިމޮކްރެޓިކް މުޖުތަމައުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރާ ނަމަ ކުރަން ޖެހޭ ގޮތެވެ" މަޙްލޫފް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
މީގެއިތުރުން މަޙްލޫފް ވިދާޅުވީ އެފަދަ ހާލަތެއްގައި ވެސް ވަކި ބަޔަކު އިންތިހާބަށް ވާދަކުރުމުން މަހުރޫމު ކުރުމުގެ ނިޔަތުގައި ޝަރުތު ކަނޑައެޅުމަކީ ޑިމޮކްރަސީއާ ބީރައްޓެހި ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.