ދުނިޔެ

ތާލިބާނުން ބަދަލު ހިފުމުގެ ރޫހު ގެންގުޅޭކަމުގެ ބިރަށް 3،000އަށްވުރެ ގިނަ މީހުން އަފްގާނިސްތާނުން ބާލައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަފްގާނިސްތާނުގެ ބާރު މިހާރު ހިފައިފައިވާ ތާލިބާނުން، ބަދަލު ހިފުމުގެ ރޫހު ގެންގުޅެފާނެ ކަމުގެ ބިރަށް އެމެރިކާއިން 3،000އަށް ވުރެ ގިނަ މީހުން ކާބުލްއިން ބާލައިފިއެވެ.

Ads by WAMCO

އެމެރިކާއިން ތައްޔާރުކުރި އެސެސްމަންޓް ރިޕޯޓަކުން ހާމަކޮށްފައިވާ ގޮތުގައި ތާލިބާނުން ދަނީ އެމެރިކާއާއި ނޯތު އެޓްލާންޓިކް ޓްރީޓީ އޯގަނައިޒޭޝަން (ނާޓޯ)ގައި މަސައްކަތް ކުރި މީހުން ހޯދުމަށް ދޮރުން ދޮރަށް ހިނގަމުންނެވެ. މިއީ ބަދަލު ހިފުމުގެ ގޮތުން ތާލިބާނުން ކުރަމުން ގެންދާ ކަމެއް ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

އޭގެ ސަބަބުން އެ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށާއިި، އަފްގާނިސްތާނުން މީހުން ބާލަނީ އެހެންވެ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

އަލްޖަޒީރާގެ ނޫސް ރިޕޯޓަރެއް ކާބުލްގައި ހުރެ ބުނެފައި ވަނީ އެމެރިކާ ރައްޔިތުން އަނބުރާ އެ ޤައުމަށް ގެންދިޔުމުގެ މަސައްކަތް ކުރެވޭ ނަމަވެސް، އެކަން ކުރުމުގައި އެމީހުންނަށް ދަތިތަކަކާ ވެސް ކުރިމަތިވެފައިވާ ކަމަށެވެ.

"ތާލިބާނުން ވަނީ އެއާޕޯޓަށް ދިޔުމުގެ މަގުތައް ވެސް ބަންދު ކޮށްފައި. މިއީ މީހުން އަނބުރާ ގެންދިޔުމަށް އެމެރިކާއިން ފޮނުވައިފައިވާ ފްލައިޓުތަކާ ހަމައަށް ދިޔުމަށް ދަތިކުރަން ވެގެން ކޮށްފައިވާ ކަމެއް" ރިޕޯޓަރު ބުނެފައިވެއެވެ.

މީގެ އިތުރުން އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ގްރޫޕެއް ކަމަށްވާ އަމްނެސްޓީ އިންޓަނޭޝަނަލުން ވެސް ވަނީ މިކަމާ ގުޅޭގޮތުން ރިޕޯޓެއް ނެރެފައެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ ތާލިބާނުން ވަނީ ޣަޒްނީގައި 9 ފިރިހެނަކު މަރައިފައި ކަމަށާއި އެއީ ޙައްޤަށް ވަކާލާތު ކުރާ ޖަމާއަތަކުން ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!