ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެ
ރާއްޖޭގެ ކުރީގެ މަޝްހޫރު ފިލްމީ ތަރި ޗިޅިޔާ މޫސާ މަނިކު ނިޔާވެއްޖެއެވެ.
ޗިޅިޔާ މޫސާ މަނިކަކީ ފަންނުވެރިކަމުގެ ދާއިރާއަށް އަގުނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ކުރައްވައި، އެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ބޭފުޅެކެވެ.
އެނގިފައިވާ ގޮތުގައި ޗިޅިޔާ މޫސާ މަނިކު ނިޔާވީ ބަލިވެ އުޅުއްވާތާ ވަރަށް ގިނަ ދުވަސް ފަހުން މިރޭ އައިޖީއެމްއެޗްގައެވެ. ނިޔާވި އިރު އުމުރުފުޅަކީ 81 އަހަރުފުޅެވެ.
ފިލްމީ ދާއިރާގައި 1982 ވަނަ އަހަރުން ފެށިގެން ހަރަކާތްތެރިވެފައިވާ ޗިޅިޔާ މޫސާ މަނިކު އެންމެ ފަހުން ފިލްމަކުން ފެނިފައި ވަނީ 2010ވަނަ އަހަރުގައެވެ.
ފިލްމީ ދާއިރާއަށް އޭނާ ނުކުތީ މަޝްހޫރު "ބޮޑުތަކުރުފާނު"ގެ ފިލްމުގައި ވިޔަޒޯރުގެ ކެރެކްޓާއިންނެވެ. މުޅިއަކު 32 ފިލްމެއްގައި ހަރަކާތްތެރި ވެފައިވާ ޗިޅިޔާ މޫސާ މަނިކު ވަނީ 1997 ވަނަ އަހަރު އެންމެ ގިނަ ފިލްމު ނުކުތް ފިލްމީތަރި ކަމުގެ ލަގަބު ވެސް ހޯދައިފައެވެ. އެ އަހަރު އޭނާގެ 7 ފިލްމެއް ނުކުތެވެ.
ފިލްމާއި ޑްރާމާ ކުޅުމުގެ އިތުރުން ޗިޅިޔާ މޫސާ މަނިކު ވަނީ ޓީވީއެމްއިން ގެނެސްދިން "މުޙައްމަދު ރަސޫލުﷲ" ސީރީޒަށް އަޑުވެސް އަޅައިދެއްވައިފައެވެ. އެ ސީރީޒްގެ މޫސާ އަލައިހިއްސަލާމްގެ ބައިގައި ފިރުޢައުނުގެ ކެރެކްޓާ ކުޅެފައިވާ މީހާއަށް އަޑު އަޅައިދީފައި ވަނީ ވެސް ޗިޅިޔާ މޫސާ މަނިކެވެ.
މީގެ އިތުރުން އޭނާއަކީ ވަރަށް ގިނަ ލަވަ ހައްދަވައި އަދި ވާހަކަ ލިޔުއްވި ބޭފުޅެއް ވެސް މެއެވެ. އަދި ދުވަހު ނޫސްތަކުގައި ވަރަށް ހުނަރުވެރި ކާޓޫންތައް ވެސް ޗިޅިޔާ މޫސާ މަނިކު ކުރެއްސެވިއެވެ.
މޫސާ މަނިކުގެ ފުރާނައަށް މާތް ﷲ ރަޙުމަތް ލައްވައި ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވާށިއެވެ. އާމީން! އަދި މިހިތްދަތި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ