ހަންޏާމީދޫ ކޮވިޑްގެ ހާލަތު: މިވަގުުތު ބަލި ކޮންޓްރޯލްވެފައިވާކަމަށް ގަބޫލުކުރެވޭ
ކޮވިޑް-19ގެ ވޭދަނައެއް ފެނި މިމަހުގެ 16 ވަނަ ދުވަހު މޮނިޓަރިންއަށް ލައިފައިވާ އދ. ހަންޏާމީދޫގެ ހާލަތު މަޑުމަޑުން ރަނގަޅުވެ މިވަގުތު ވަނީ ބަލި ކޮންޓްރޯލް ކުރެވިފައިކަމަށް ގަބޫލުކުރެވޭ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ހަންޏާމީދޫ ކައުންސިލުގެ އިންފޮމޭޝަން އޮފިސަރ ޖަމްޝާދް މަހްމޫދް "ދެން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މި ވަގުތު އެރަށުގައި ބަލި ޖެހިފައި ތިބި 36 މީހަކު އެބަ ތިބި ކަމަށާއި ފަހުން ފައްސިވަމުން އަންނަ ފަރާތްތަކަކީ ކުރިން ފައްސިވެފައިވާ ފަރާތްތަކާ ކޮންޓެކްޓްވެފައި ވާ ފަރާތްތައް ކަމަށެވެ.
"މިވަގުތު ބަލި ޖެހިފައި މިތިބީ 36 މީހުންނަށް. އެއީ މިހާތަނަށް ޖުމްލަ ބަލިޖެހުނު މީހުންނަކީ ވެސް. ރޭގައި މިވަނީ އަލަށް 3 މީހަކު ބައްޔަށް ފައްސިވެފަ. ފާހަގަކޮށްލާނަން މިހާރު ފައްސިވާ ފަރާތްތަކަކީ ބަލި ޖެހުނު މީހުންނާ ކޮންޓެކްޓް ވެފައިވާ ފަރާތްތައްކަން. އެހެންވީމަ ގަބޫލު ކުރެވޭ ބަލި ކޮންޓްރޯލް ކުރެވިފައިވާކަމަށް" ޖަމްޝާދް ވިދާޅުވިއެވެ.
ޖަމްޝާދް ވިދާޅުވީ ރަށުގެ ހާލަތު އާއްމުގޮތެއްގައި ރަނގަޅުކަމަށާއި ބަލި އެހާ ބޮޑަށް ނުފެތުރެނީސް ވަނީ ދެނެގަނެވިފައިކަމުން ކޮންޓްރޯލް ކުރެވިފައިވާކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެރަށުގައި ކޮވިޑް ކޮންޓްރޯލް ކުރުމުގެ ގޮތުން ޒަރޫރީ ހާލަތްތަކުގައި ވެސް ފިހާރަތަކަށް ވަނުން މަނާކޮށްފައިވާކަމަށާއި ފިހާރަތަކުން ޑެލިވަރީގެ ހިދުމަތް ދެމުންދާ ކަމަށެވެ. ޖަމްޝާދު ވިދާޅުވީ ކައުންސިލާއި ސިއްހީމަރުކަޒުން ހަމަޖައްސާފައިވާ ޓާސްކްފޯހާއި އެކަމަށް ހާއްސަކޮށް ހަމަޖައްސާފައިވާ ފަރާތްތަކުން ޑެލިވަރީގެ ހިދުމަތް ދެމުންދާ ކަމަށެވެ. އަދި މިހާރު ހޮޓާ ރެސްޓޯރެންޓްތަކުން ހިދުމަތް ދިނުން ހުއްޓައިލައިފައިވާ ކަމަށެވެ.
ހަންޏާމީދޫގައި މިހާތަނަށް 171 ސުންކު ނަގައިފައިވާއިރު ބައްޔަށް ފައްސިވެފައި ވަނީ 36 މީހުންނެވެ.