ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދަނީ އެމްޑީޕީއަކުން ނޫން: ހަސަން

ބަރުލަމާނީ ޕެޓިޝަނަށް ސޮއި ހޯދަނީ އެމްޑީޕީން ނޫންކަމަށް އެ ޕާޓީން ބުނެފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އެޕާޓީގެ ޗެއަރ ޕާރސަން ހަސަން ލަތީފް ވިދާޅުވީ ޕެޓިޝަނުގައި ސޮއި ކުރަނީ އަމިއްލަ ޖަމާއަތަކާއި މަޖިލީހުގެ އެމްޑީޕީގެ މެމްބަރުންތަކެއް ކަމަށެވެ.
ހަސަން ވިދާޅުވީ ބަރުލަމާނީ ނިޒާމަށް ތާއިދު ހޯދުމަށް ސޮއިކުރާ ޕެޓިޝަނުގައި ސޮއިކުރުމުގެ މަސައްކަތް ކުރަނީ އެމްޑީޕީ އޮފީހުގައެއް ނޫނެވެ. އެހެން ނަމަވެސް ހަރުގެ ތަކުގައި އެ މަސައްކަތް ކުރަނީ މެމްބަރުން އެދޭ އެފަދަ ހަރަކާތްތަކަށް ޕާޓީގެ ހަރުގެތަކާއި ޖަގަހަތައް ދޫކުރާތީ ކަމަށެވެ.
އޭނާ ވިދާޅުވިގޮތުގައި ބަރުލަމާނީ ޕެޓިޝަނުގެ މަސައްކަތް ހަރުގޭގައި ކުރުމަށް އޭނާގެ ގާތަށް ޕާޓީގެ ގިނަ މެމްބަރުންތަކެއް ދުރުވި ކަމަށާއި އެބޭފުޅުން އެދިލެއްވީ އަމިއްލަ ޖަމްއިއްޔާއަކާ ގުޅިގެން އެކަން ކުރިއަށް ގެންދިޔުމަށް ކަމަށްވުމުން އެކަން އެގޮތަށް ކުރިއަށް ގެންދަނީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުންތަކެއް އިސްވެ ތިއްބަވާ ސޮއިކުރަން ފަށައިފައިވާ މި ޕެޓިޝަނުގައި މަޖިލީހުގެ މެމްބަރުންގެ އިތުރުން އާއްމު ރައްޔިތުން ވެސް ދަނީ ސޮއިކުރަމުންނެވެ.ރިޔާސީ ބަރުލަމާނީ ނިޒާމުގެ ބަހުސްގެ އަޑުގަދަވެފައިވާ މިދަނޑިވަޅުގައި އެމްޑީޕީގެ ބައެއް މެމްބަރުން އިސްވެ ތިއްބަވާ ސޮއިކުރަން ފެށި މިޕެޓީޝަނުގައި ވީ އެންމެ ގިނަ ރައްޔިތުންް ސޮއި ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ އެދިވަޑައިގަންނަވައިފައެވެ. އެހެން ނަމަވެސް ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ އިސްވެރިންނާއި ލީޑަރުން ދަނީ ބަރުލަމާނީ ނިޒާމާ ދެކޮޅަށް ފާޅުގައި އަޑުއުފުލަމުންނެވެ.






ކޮމެންޓް