ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ގަރާރެއް ފާސްކޮށްފި
ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް , އެއްވެސް ޝަރުތަކާ ނުލާ މިނިވަން ކުރުމަށް ގޮވާލައި ޕްރޮގްރެސިވް ކޯލިޝަންގެ ކައުންސިލް ބައްދަލުވުމުގައި ގަރާރެއް ފާސްކޮށްފިއެވެ.
ރައީސް ޔާމީނަށް ކުރި ހުކުމާ ގުޅޭ ގޮތުން އެ ހުކުމް އިއްވި ބެންޗުގައި އިންނެވި ތިން ފަނޑިޔާރަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް އިއްޔެ ވަނީ އާންމުވެފައެވެ.
އެ އޯޑިއޯތަކުގައި އެ ފަނޑިޔާރުން ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާ މެދު ސުވާލު އުފެދޭނެ އެތައް ވާހަކަތަކެއް ވިދާޅުވެފައެވެ. އެއް ފަނޑިޔާރަކު ވިދާޅުވި ގޮތުގައި އެ ހުކުމަކީ ފަނޑިޔާރުންނަށް މަޖުބޫރު ކުރުވައިގެން އިއްވެވި ހުކުމެކެވެ. އެހެން ފަނޑިޔާރަކު ވިދާޅުވީ، ރައީސް ޔާމީނަށް އިއްވެވި ހުކުމްގައި އޮތް އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށާއި ބެންޗުގައި އިންނެވީ ސަރުކާރުން އަންގަވައިގެން ކަަމަށެވެ.
އާންމުވި އޯޑިއޯތަކާ ގުޅިގެން ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ކައުންސިލް ބައްދަލުވުމެއް ރޭ ވަނީ ބާއްވައިފައެވެ. އެ ބައްދަލުވުމުގައި، ރައީސް ޔާމީން އެއްވެސް ޝަރުތެއް ނެތި މިނިވަން ކުރުމަށް ގޮވާލާ ގަރާރެއް ހުށައަޅައިފައި ވެއެވެ.
އެ ގަރާރުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ހުކުމަކީ ޣައިރު ގާނޫނީ ހުކުމެއް ކަމަށް އެ ކޯލިޝަނާއި ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބުނަމުން ދަނިކޮށް އިއްޔެ އާންމުވެފައިވާ އޯޑިއޯތަކުން އެ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރަކު، އެ ހުކުމަކީ ގަދަބާރުން އެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވާ ރަހީނުކޮށްގެން އަދި އޮޅުވާލައިގެން ކުރެވިފައިވާ ،ހަގީގީ ނުހައްގު ހުކުމެއް ކަމަށް އެ ފަނޑިޔާރުން ވެސް ގަބޫލު ކުރާކަން ރައްޔިތުންނަށް ހާމަވެ ސަރުކާރު ފަޟީހަތްވެފައި ކަމަށެވެ.