މަހްލޫފްގެ މައްސަލަ އަވަސް ކުރަން ނުވަތަ ލަސްކުރަން ވެސް ސަރުކާރުން ނުބުނާނެ: މަބްރޫކް

ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފްގެ މައްސަލަ އަވަސް ކޮށްދޭން ނުވަތަ ލަސްކުރަން ވެސް ސަރުކާރުން ނުބުނާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މަބްރޫކް ވިދާޅުވީ، މިނިސްޓަރ މަޙްލޫފްގެ މައްޗަށް ކޮށްފައިވާ ތުހުމަތާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައިގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ މިނިސްޓަރ މަހުލޫފާ ދޭތެރޭގައި ވަކި ކަމަކަށް ތުހުމަތު ކުރެވިގެން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގައި މައްސަލައެއް އެބައޮތް ކަމަށެވެ.
"އެހެންވީމަ ސަރުކާރަކުން އެކަމުގެ ތެރެއަށް، އެއީ އެ މައްސަލަ އަވަސް ކުރަން ވިޔަސް، ސަރުކާރަކުން ނުވަންނާނެ. އަޅުގަނޑުމެން އެދެން ޕީޖީ އޮފީހުން މި މައްސަލަ އަވަސް ކޮށްދިނުމަށް، ވަކި ގޮތަކަށް މިކަން ނިންމަ ދިނުމަށް." މަބްރޫކް ވިދާޅުވިއެވެ.
މަބްރޫކް އިތުރަށް ވިދާޅުވީ މިނިސްޓަރ މަޙްލޫފްގެ މައްސަލައިގައި ރަނގަޅަށް އިޖުރާއަތްތައް ފުރިހަމަ ނުކުރާކަމަށް ވިދާޅުވެ އެމަނިކުފާނު ސިޓީއެއް ފޮނުއްވި ކަމަށާއި އެ ސިޓީއާ ގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް އެދިވަޑައިގަތީ (ފޮރިން މިނިސްޓްރީއާ ގުޅޭ ކަމަކަށް ވާތީ) އެކަމަށް ވެފައި އޮތް ގޮތެއް ހޯއްދެވުމަށް ކަމަށެވެ.