މުނިފޫހިފިލުވުން

ފިލްމު ކުޅުން ހުއްޓައިލާން ޚިޔާލެއް ނުކުރަން، އެކަމަކު ވަޒީފާގެ ގޮތުން ބްރޭކެއް ނަގައިފިން: އިރޫ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީގެ ޚަބަރުތަކަށް ބަލައިލާއިރު، މިހާރު އެންމެ ގަދަޔަށް ދެކެވެމުންދާ ވާހަކައަކީ އަރަމުން އަންނަ ތަރި އިރުފާނާ އިބްރާހިމް (އިރޫ) އަލަތު ކައިވެންޏެއް ކުރި ޚަބަރާ، އެއާ އެކު ފިލްމީ ޙަޔާތް ވެސް ދޫކޮށްލި ޚަބަރެވެ.

Ads by STELCO

މަޝްހޫރު ފިލްމު ޕްރޮޑިއުސަރ އަދި އެކްޓަރ ޔޫސުފް ޝަފީޢު 2019 ވަނަ އަހަރު އުފެއްދި "40 ޕްލަސް"އިން ފިލްމީ ދާއިރާއަށް ތައާރަފްވި އިރޫ ކުރު މުއްދަތެއްގެ ތެރޭގައި ވަނީ ބެލުންތެރިންގެ މެދުގައި ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދައިފައެވެ. އެގޮތުން އޭނާ އެންމެ ފާހަގަ ކޮށްލެވިފައި ވަނީ މަޝްހޫރު ފިލްމު ޕްރޮޑިއުސަރ ފާތިމަތު ނަހުލާ ބައިސްކޯފުގައި އުފެއްދި ވެބްސީރީޒް "ހުވާ"އިންނެވެ. އެ ސީރީޒްގައި އޭނާ ކުޅެފައިވާ ރޯލަށް ވަރަށް ގިނަ ބައެއްގެ ތައުރީފު ލިބުނެވެ.

އޭގެ ފަހުން "ޔެސް ސަރ"އާއި "ކާކު"، "ޝްހްހްހް"، "ހެހެސް". "ކޮސް ގިނަ މިސްޓޭކްސް" އަދި "ލޯބިވެވިއްޖެ" ގައި ވެސް ހަރަކާތްތެރިވި އިރޫ ފަހަކަށް އައިސް މި ދާއިރާއިން ވަނީ ގެއްލިފައެވެ. އެކަމުގެ ސަބަބެއްގެ ގޮތުގައި ބައެއް މީހުން ބުނެފައި ވަނީ، އެއީ އޭނާ ކައިވެނި ކުރުމަށް ފަހު ނިންމި ނިންމުމެއް ކަމަށެވެ.

ނަމަވެސް "ދެން"އަށް މިއަދު މައުލޫމާތު ދެމުން އިރޫ ބުނީ އޭނާ ފިލްމީ ދާއިރާއާ ވަކި ނުވާ ކަމަށާއި އެފަދަ ކަމެއް ކުރަން އަދި ނުވިސްނާ ކަމަށެވެ. ނަމަވެސް މި މަހުގެ 2 ވަނަ ދުވަހު އަލަތު ކައިވެންޏެއް ކޮށްފި ކަމަށާއި އެހެން ނަމަވެސް ކައިވެނީގެ ސަބަބުން އޭނާގެ ކެރިއަރަށް އެއްވެސް ބުރޫއެއް ނާރާނެ ކަމަށް ވެސް ބުންޏެވެ،

"ދާއިރާއާ ދުރަށް ދާން ވިސްނާފައިވާ ކަމަށް ބުނެ ފެތުރެމުން އެ ދަނީ ދޮގު ވާހަކަތަކެއް. ކައިވެނި ކޮށްގެން ފިލްމީ ދާއިރާއާ ދުރަށް ދާން ނުވަތަ އެކްޓު ކުރުން ހުއްޓާލަން ވިސްނާފައެއް ނުވާނެ. އެކަމަކު އަޅުގަނޑު މިހާރު ވަޒީފާއެއްގައި ވެސް އުޅޭތީ، ފިލްމީ މަސައްކަތްތަކަށް ވަރަށް ވަގުތު ނުދެވޭ. އެހެންވެ މިހުންނަނީ ބްރޭކެއް ނަގައިގެން" އިރޫ ބުންޏެވެ.

އިރޫ އިތުރަށް ބުނީ މިއީ އޭނާ ދާއިމީކޮށް ނަގަން ވިސްނާފައިވާ ބްރޭކެއް ނޫން ކަމަށާއި އަމިއްލަ ދިރިއުޅުމާއި ވަޒީފާގެ ކަންކަން ވެސް ކުރަމުން، ކުރިއަށް އޮތްތަނުގައި ވީވަރަކުން އިތުރު ޕްރޮޖެކްޓުތަކުގައި ބައިވެރިވާނެ ކަމަށެވެ.

އިރޫގެ ކައިވެނީގެ ޚަބަރު ލިބުމުން ގިނަ ބަޔަކަށް ލިބުނީ ކުއްލި ސިޙުމެކެވެ. ކައިވެންޏާ ބެހޭ ގޮތުން އިރޫ ބުނީ އޭނާގެ ދިރިއުޅުމަށް އައި އެ ބޮޑު ބަދަލުގެ ސަބަބުން ވަރަށް ބޮޑަށް އުފާވާ ކަމަށެވެ.

"އެހާ ގިނަ މީހުންނަކަށް ނުވެސް އެނގޭނެ މެރީ ކުރަން އުޅޭ ކަމެއް ވެސް. މޭކަޕް އާޓިސްޓް ފޮޓޯ ލީމަ ގިނަ މީހުންނަށް މި އެނގުނީ. ވަރަށް އުފާވޭ މިފެށުނު އައު ދިރިއުޅުމާ ދޭތެރޭ" ރޯގާ ޖެހިގެން ކޮންމެ ވެސް ވަރަކަށް ބަލިވެ ހުރި ހާލުގައި އިރޫ ބުންޏެވެ.

އިރޫ ބުނި ގޮތުގައި ފިލްމީ ދާއިރާއިން މިވަގުތު ބްރޭކެއް ނަގައިގެން ހުއްޓަސް މި ދާއިރާ އެއްކޮށް ދޫކޮށްލަން އޭނާ އަދި ވިސްނައިފައެއް ނުވެއެވެ. އަދި ކުރިއަށް އޮތްތަނުގައި ބައެއް ޕްރޮޖެކްޓުތަކުން ވެސް ފެންނާނެ ކަމަށް ބެލެވޭ ކަމަށް ވެސް ބުންޏެވެ.

"ދެން"ގެ ފަރާތުން އިރޫއަށް އަވަސް ޝިފާއަކަށް އެދެމެވެ. އަދި އެހާމެ ބާއްޖަވެރި އުފާވެރި ކައިވެންޏަކަށް ވެސް އެދެމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!