މަޙްލޫފްގެ ކެނޑިޑެންސީ މައްސަލަ އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުން ބަލަނީ

ޔޫތު މިނިސްޓަރ އަހުމަދު މަޙްލޫފަށް، ވެރިކަން ކުރާ އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އެ ޕާޓީގެ އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފު ކުރުމުން އެ މަޖިލީހުން މައްސަލަ ބަލަން ފަށައިފިއެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި މަހްލޫފް ކުރިމަތި ލާފައިވަނީ ކ، އއ. އދ. އަދި ވ. އަތޮޅު ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ. އެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ މި ހިނގާ ސެޕްޓެމްބަރު މަހުގެ 25ވަނަ ދުވަހުގައެވެ.
މަޙްލޫފް އެމްޑީޕީގެ އިންތިހާބަށް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅައި ކެންޑިޑޭޓުންގެ ލިސްޓުން އުނިކޮށްފައިވާ ކަމަށް އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޝާޒްލީ ޝަފީގް ސޮއިކުރައްވައި، މިދިޔަ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.
މަޙްލޫފްއަށް ފޮނުއްވި ސިޓީއެއްގައި ބުނެފައި ވަނީ، އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ނިންމުމާ އެއްގޮތަށް އޭނާގެ ޝަރުތު ހަމަނުވާ ކަމަށެވެ. އެއީ ކަމާގުޅުން ހުރި މުއައްސަސާތަކުން ހޯދި މައުލޫމާތުގައި، މަހްލޫފުގެ މައްސަލައެއް އޭސީސީން ބަލާ ކަމަށް އަންގައިފައިވާތީ ކަމަށް ވެސް އެ ސިޓީގައި ވެއެވެ.