ޤުރުއާންގެ އާޔަތްތައް ނުބައިކޮށް ލިޔެފައި ވަނީ ކުރީ ސަރުކާރުން: އެޑިއުކޭޝަން

ޤުރުއާނުގެ ބައެއް އާޔަތްތައް ބައެއް ގްރޭޑްތަކުގެ ފޮތްތަކުގައި ނުބައިކޮށް ލިޔެވިފައި ވަނީ ކުރީގެ ސަރުކާރުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަބްދުﷲ ރަޝީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދެމުން އަންނަ ޤުރުއާން އަދި އިސްލާމް ފޮތްތަކުގައި ޤުރުއާނުގެ ބައެއް އާޔަތްތައް ނުބައިކޮށް ލިޔެފައި ހުރިކަން ފުރަތަމަ ފާހަގަކޮށްފައި ވަނީ، ދީނީ އިލްމުވެރިޔާ، ރައީސް ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ. މިއަދު އެޑިއުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރަޝީދު ވިދާޅުވީ، ދެ ފޮތެއްގައި ޤުރުއާންގެ އާޔަތްތަކުގައި މައްސަލަ ޖެހިފައި ވަނީ ޑރ.ޝަހީމް އިސްލާމިކް މިނިސްޓަރު ކަމަށް ހުންނެވިއިރު ނެރުނު ފޮތްތަކެއްގައި ކަމަށެވެ. އަދި އެ ކުށްތައް ނުފެނި މިއަދާ ހަމައަށް ވެސް ޕްރިންޓްވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"ކުށް ޖެހުމަކީ މިއަދު އެކަނި ވާ ކަމެއް ނޫން. ގްރޭޑް 2ގެ ފޮތުގައި ކުށް ޖެހުނީ 2015ވަނަ އަހަރު. އޭރު އިސްލާމިކް މިނިސްޓަރަކަށް ހުންނެވީ ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު. އެންއައިއީ ހިންގަވަން އޭރު ހުންނެވީ އާދަމް ޝަރީފް. އޭރުގެ ކުށެއް ތަކުރާރުވަމުން އަޅުގަނޑުމެންނަށް ވެސް ނުފެނި ޕްރިންޓްވެފައި މިއޮތީ" އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.
މިގޮތަށް އަބްދުﷲ ރަޝީދު ވިދާޅުވެފައި ވަނީ، ޤުރުއާނުގެ އާޔަތްތައް ނުބައިކޮށް ލިޔެވިފައި ވަނީ ރޭވިގެން ކުރި ކަމެއްގެ ގޮތުގައި އިދިކޮޅުން ބުނެފައި ވަނިކޮށެވެ.
މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ އާއިޝަތު އަލީ ވިދާޅުވީ، ކުރިޔަށް ވުރެ ބޮޑަށް ޕްރޫފް ރީޑް ކުރުމުގެ ޕްރޮސީޖަރ ހަރުދަނާކޮށްފައިވާ ކަމަށާއި މިފަދަ ކަމެއް ދެން ތަކުރާރު ނުވާނެ ގޮތަށް މިހާރު ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ. އަދި އިސްލާމް އަދި ޤުރުއާން ހުރިހާ ފޮތްތަކެއް ރިވިއު ކުރަން ޓީމެއް ހަދާ، ހަފްތާއެއްގެ ތެރޭގައި އެ މަސައްކަތް ނިންމައިލާނެ ކަމަށާއި ރިވިއު ކުރުމުން ކުރިން ފާހަގަ ނުވާ ކުށެއް ހުރި ނަމަ އެކަން ވެސް ފާހަގަ ވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"ޕްރޫފް ރީޑިން ލޭޔަރުތައް ވެސް އަޅުގަނޑުމެން އިތުރުކޮށްފިން. އަދި އެކަންކަން ހަރުދަނާ ވެސް ކޮށްފިން. އެހެންވީމަ އިރާދަ ކުރެއްވިއްޔާ ދެން މިކަހަލަ ކުށެއް ނުޖެހޭނެ. އެ ޔަޤީންކަން އަޅުގަނޑުމެން ތި ފަރާތްތަކަށް އަރުވަން." މިނިސްޓަރު ވިދާޅުވީ، ޤުރުއާނުގެ އެންމެ ފިއްޔެއް ވެސް ބަދަލުވުމަކީ ބޮޑު ގޯހެއް ކަމަށާއި އެގޮތަށް އޮތްނަމަ ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން އިސްލާޙް ކުރައްވާނެ ކަމަށެވެ.
ކުށްތައް ހުރި ބައެއް ފޮތްތަކުގެ ފުރަތަމަ ޗާޕު ނެރެފައި ވަނީ 2019ވަނަ އަހަރުއެވެ. އެފަދަ ބައެއް ފޮތްތަކުގެ ދެވަނަ ޗާޕު ނެރުނީ މިއަހަރުއެވެ.







ކޮމެންޓް