އައިއެސް ޖަމާއަތުގެ "ވޮއިސް އޮފް ހިންދު"އަށް ރާއްޖެއިން ލިޔުން ފޮނުވަނީ!
އައިއެސް ޖަމާއަތުން ނެރެމުން އަންނަ މަޖަައްލާއެއް ކަމުގައިވާ "ވޮއިސް އޮފް ހިންދު" އަށް ރާއްޖެއިން ވެސް ލިޔުންތައް ފޮނުވާކަމަށް އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީއިން ބުނެފިއެވެ.
އިންޑިއާގެ ނެޝަނަލް އިންވެސްޓިގޭޝަން އެޖެންސީއާ ހަވާލާދީ އިންޑިޔާގެ ނޫސްތަކުގައި ރިޕޯޓް ކޮށްފަައިވާ ގޮތުގައި އައިއެސް ޖަމާއަަތުން މިސަރައްދުގެ ގައުމުތަކަށް އަމާޒުކޮށް ނެރޭ މި މަޖައްލާ ނެރުމުގައި ރާއްޖޭގެ އިތުރުން އަފްގާނިސްތާނާއި ފާކިސްތާނުގެ ބައިވެރިވުން ވެސް އޮވެއެވެ.
އެ އެޖެންސީން ބުނެފައިވާ ގޮތުގައި މި މަޖައްލާއަށް ބޭނުންވާ ކޮންޓެންޓް ހޯދައި އެކަމުގައި އިސްކޮށް އުޅޭ ތިން މީހަކު ވަނީ މިދިޔަ ޖުލައި މަހު ހައްޔަރު ކުރެވިފައެވެ. އެމީހުން ބުނާގޮތުގައި އެމީހުންގެ މަސައްކަތަށް މުސާރަވެސް ލިބެއެވެ.
އިންޑިޔާގެ އެޖެންސީން އިތުރަށް ބުނެފައިވާ ގޮތުގައި ވޮއިސް އޮފް ހިންދު ޑިޒައިން ކުރުމާއި ލިޔުންތައް އެޑިޓް ކުރުމުގެ މަސައްކަތް ކުރަމުން އަންނަނީ ޕާކިސްތާނުގައި ކަމަށާއި އެކަމުގައި އުޅެނީ ކިޔަވައިގެން ތިބި ޒުވާނުންނެވެ.
މި މަޖައްލާއަށް ރާއްޖެއިން ލިޔުން ފޮނުވާ ކަމަށް އެ އެޖެންސީ ބުނެފައިވާއިރު ރާއްޖޭގައި ހަމަލާ ދިނުމަށް ރާއްޖޭގައި ތިބި އައިއެސްގެ ސަޕޯޓަރުންނަށް ގޮވައިލައިފައިވާ ލިޔުންތައް ވެސް މިމަޖައްލާގައި ޝާއިއު ކޮށްފަައިވެއެވެ.
ޒުވާނުންނަށް އަމާޒުކޮށް ހަރުކަށި ފިކުރު ފަތުރާ ވޮއިސް އޮފް ހިިންދު މަޖައްލާއަކީ މަހަކު އެއްފަހަރު ނެރޭ މަޖައްލާއެކެވެ.
ފަހަކަށް އައިސް ރާއްޖޭގައި ނުރައްކާތެރި ހަމަލާތައް ދޭން ރާވަމުން ދާ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ. އަދި މިފަދަ މައްސަލަތަކުގައި ދަނީ ބައެއް މީހުން ވެސް ހައްޔަރު ކުރަމުންނެވެ.
ރާއްޖޭގައި ހަރުކަށި ފިކުުރުގެ މޫތައް ލައިފައިވާކަމަށާއި އެކަމުގެ ބޮޑުންގެ ގޮތުގައި ތުހުމަތު ކުރެވޭ ފަރާތްތައް ބަލައި ފާސް ކުރުމާއި އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން ދަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.