ބޮލީވުޑް

އަކްޝޭގެ ދިރިއުޅުމަށް ހިތްދަތިކަން: އަބަދުމެ ހިތްވަރު ދިން މަންމަ މަރުވީ އުފަން ދުވަހުގެ އެއް ދުވަސް ކުރިން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އަކްޝޭ ކުމާރްގެ މަންމަ އަރޫނާ ބާޓިއާ އިއްޔެ މަރުވެއްޖެއެވެ.

Ads by MWSC

އަކްޝޭގެ މަންމަ ވަކިވި ޚަބަރު މީސް މީޑިއާ މެދުވެރިކޮށް ހިއްސާ ކުރަމުން އޭނާ ބުނީ، އޭނާގެ މަންމައަކީ އޭނާގެ އެންމެ ބޮޑު ހިތްވަރު ކަމަށާއި، މަންމަ މި ދުނިޔެއާ ވަކިވުމުން ބަޔާން ކޮށްދޭން އުނދަގޫ ވަރުގެ ބޮޑު ހިތްދަތިކަމެއް އޭނާއަށް ލިބިފައިވާ ކަމަށެވެ.

އުމުރުން ދުވަސްވެ ހާލު ދެރަވެގެން އަކްޝޭގެ މަންމަ މުމްބައިގެ ހީރަންދާނީ ހޮސްޕިޓަލުގައި އެޑްމިޓު ކުރީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ. އެއިރު ޤައުމުން ބޭރުގައި ހުރި ކަމުގައި ވިޔަސް އަކްޝޭ ވަނީ ހުރިހާ މަސައްކަތެއް ބަހައްޓައިފައި އޭނާގެ މަންމަ ގާތަށް އިންޑިއާއަށް އެނބުރި ގޮސްފައެވެ.

އަކްޝޭގެ މަންމަ އަރޫނާ އިއްޔެ މަރުވިއިރު މިއަދަކީ އަކްޝޭގެ އުފަން ދުވަހެވެ. އުފަން ދުވަހު ކުރި ޕޯސްޓެއްގައި އޭނާ ބުނެފައި ވަނީ އޭނާގެ މަންމައާ ނުލައި އުފަން ދުވަސް ފާހަގަކުރާ ހިތް ނުވާ ކަމަށާއި އެހެން ނަމަވެސް ތަހުނިޔާ ފޮނުވި ފަރާތްތަކަށް ޝުކުރު އަދާ ކުރާކަމަށެވެ.

އަކްޝޭއަކީ މިވަގުތު ބޮލީވުޑްގައި ހުރި އެންމެ ބުރަކޮށް މަސައްކަތް ކުރާ އެއް އެކްޓަރެވެ. މި އަހަރުގެ މިހާތަނަށް ވެސް އޭނާގެ ހަތް ފިލްމެއް ނުކުމެފައިވެއެވެ. މިހާރު ވެސް އޭނާ ދަނީ "ސިންދްރެއްލާ" ނަމަކަށް ކިޔާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!