އެހެން ޕާޓީއެއްގެ ފަހަތަށް އެމްއެންޕީ ނާރާނެ، އިންތިޚާބު ނަގާނީ އެއްބުރުން: ނާޒިމް
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އެއްވެސް ސިޔާސީ ޕާޓީއެއްގެ ފަހަތަށް އަރައި މަސައްކަތް ނުކުރާނެ ކަމަށް އެ ޕާޓީގެ އެއް ފައުންޑާ ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
“އަވަސް”ނޫހުން މިއަދު އަލަށް ފެށި ޕްރޮގްރާމެއްގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ އެހެން ސިޔާސީ ޕާޓީއެއްގެ ފަހަތަށް އަރާ ކޯލިޝަނެއްގައި ބައިވެރި ނުވާނެ ކަމަށެވެ. އަދި ކޯލިޝަނެއް އުފައްދަން ޖެހިއްޖެ ހާލަތެއްގައި ކޯލިޝަންގެ މައި ޕާޓީއަކަށް ވާނީ އެމްއެންޕީ ކަމަށެވެ.
”އެހެން ބަޔަކާ އެކު އަޅުގަނޑުމެން ކޯލިޝަނެއް ނުހަދާނެ. ކޯލިޝަން ހަދަން ބޭނުން ނަމަ އެބަޔަކު އަޅުގަނޑުމެންނާ އެކު ކޯލިޝަން ހަދާނީ. އަޅުގަނޑުމެން މި އުންމީދު ކުރަނީ އިރާދަކުރެއްވިއްޔާ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް” ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ “އިރާދަ ކުރެއްވިއްޔާ ރިޔާސީ އިންތިހާބުގައި ފުރިހަމަ ކާމިޔާބެއް ހޯދާނަން”ކަމަށާއި އެމްއެންޕީ އެއްވެސް ބައެއްގެ ފަހަތަކަށް ނާރާނެ ކަމަށެވެ. އަދި އުންމީދަކީ އެއްބުރުން އިންތިހާބު ކާމިޔާބު ކުރެވުން ކަމަށް ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ތަކުރާރުކޮށް ނާޒިމް ވަނީ ރައީސް ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެކަމަށް ވިދާޅުވެފައެވެ. ނާޒިމް ވިދާޅުވީ ރައީސް ޔާމީނާ އެކީ މަސައްކަތް ކުރެއްވި ދުވަސްތަކުގައި ވަރަށް ގިނަ ކަންކަން ސާފުވެފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ސިޔާސީ ގޮތުން ކުރެވޭ މަސައްކަތުގައި ރައީސް ޔާމީނާ އެކު މަސައްކަތް ނުކުރައްވާނެކަމުގެ ޔަގީންކަން ވެސް ނާޒިން ދެއްވައިފައެވެ.
މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)އާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އެ ޕާޓީ ވެގެންދާނީ ރާއްޖޭގައި އޮތް އެތެރޭގެ ޑިމޮކްރަސީ ވެސް އެންމެ ވަރުގަދަ ޕާޓީއަށް ކަމަށެވެ.