ޚަބަރު ލައިފްސްޓައިލް

އެކަނިވެރިމައިންގެ އުދާސްތައް

ޢަލީ މާޖިދު ، ދެން އޮންލައިން

މަންމާއެވެ. ބައްޕަ ކޮބައިހެއްޔެވެ؟ ބައްޕަ ދިޔައީ ކޮންތާކަށް ހެއްޔެވެ؟ 

Ads by MWSC

ބައްޕަ އަންނާނީ ކޮންއިރަކުން ހެއްޔެވެ؟

އެކަނިވެރިމައިންނަށް ޖަވާބުދޭން އެންމެ އުނދަގޫ ސުވާލުތަކަކީ ދަރިން އެ ކުދިންގެ ބައްޕައާ މެދު ކުރިމަތި ކުރުވާ ސުވާލުތަކެވެ. ދޭނީ ވަކިކޮން ޖަވާބެއް ހެއްޔެވެ؟ ބުނާނީ ވަކި ކީކޭ ހެއްޔެވެ؟ ދޮގެއް ހަދައިފައި ދަރިފުޅުގެ ހިތްހަމަޖައްސައިދޭނީ ހެއްޔެވެ؟ ނޫނީ ތެދަށް ބުނެ އެ ދަރިފުޅުގެ ހިތް ކުދިކުދި ކޮށްލާނީ ހެއްޔެވެ؟

ހަޤީގަތުގައި ވެސް މަޔަކު ދަރިންނަށް ޓަކައިވާ ޤުރުބާނީގެ އަގު ވަޒަން ނުކުރެވޭނެއެވެ. މީ ކޮންމެ ދުވަހަކު އެކަނިވެރި ޙަޔާތް ވޭތު ކުރަމުންދާ އެކަނިވެރި މައިންނާ ކުރިމަތިވާ ސުވާލުތަކެކެވެ. އެ އެކަނިވެރިކަމުގެ ތެރެއަށް އިތުރު މާޔޫސްކަމެއް ގެނުވާ ސުވާލުތަކެކެވެ. ގިނަ މައިން މި ސުވާލުތަކަށް ދަރިންނަށް ދޭ ޖަވާބަކީ ހަމަހިމޭންކަމެވެ. އެ ހިމޭންކަމުގެ ތެރެއިން ދެން ފޭދިގެންދާނީ ކަރުނައެވެ. އެ ސުވާލުތަކުގެ ޖަވާބު ކަރުނައިން ބުނެދޭ ކަހަލައެވެ. 

ހިތްވަރުގަދަ އެތައް ބަޔަކާ ޙަޔާތުގެ ދަތުރުގައި ދިމާވާނެއެވެ. އެހެނަސް ވަރަށް ޔަޤީންކަމާ އެކު ބުނަން ކެރެއެވެ. ބައްޕައެއްގެ އެހީތެރިކަމާ ނުލައި ދަރިންތަކެއް ބަލާ ބޮޑެތި ކުރުމަށް ޤުރުބާން ވަމުންދާ އެކަނިވެރި މަޔަކަށް ވުރެން ކެތްތެރި ހިތްވަރުގަދަ ދެވަނަ މީހަކާ ދިމަލެއް ނުވާނެއެވެ. 

ކެތްތެރިކަމުގެ ތާޖު އަހަރެންގެ ދެއަތުން އަޅުވާ ނަމަ ޔަޤީނުން ވެސް އަޅުވާނީ އެ ހިމޭން ދުނިޔޭގައި ޙަޔާތުގެ ހިތާމަތައް ދަރިންގެ އުފަލަށް ޓަކައި ފަޚްރުވެރިކަމާ އެކު އެއްވެސް ޝަކުވާއެއް ނެތި އުފުލަމުންދާ ހިތްވަރުގަދަ އެކަނިވެރި މައިންގެ ބޮލުގައެވެ. މާތް ﷲ ހުރިހާ އެކަނިވެރި މައިންނަށް އިތުރު ކެތްތެރިކަމާއި، އެ މަތިވެރި ޤުރުބާނީގެ އަޖުރު ދެއްވާށިއެވެ. އަދި އެ ގޮތުގައި ސާބިތުވުމުގެ ތައުފީގު ދެއްވާށިއެވެ. އާމީން! 

މަންމަގެ ދަރަޖަ ބައްޕައަށް ވުރެ ތިން ގުނަ އިތުރު ވަނީ މި ފަދަ ސަބަބުތަކަށް ޓަކައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!