"ފިޔަވަތި މައްސަލަ ހައްލު ކުރެވޭނީ ޕީޕީއެމް ސަރުކާރަށް"

ސަރުކާރުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ މައްސަލަ ހައްލުވާނީ، މިހާރު އިދިކޮޅުގައި އޮތް، ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި ކަމަށް ޕީއެންސީގެ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
މިދިޔަ ހުކުރު ދުވަހު، ފިޔަވަތީގައި ތިބި ކުދިންތަކެއް އެތަނުގެ ފުރާޅަށް އަރައި އަޑުގަދަ ކުރި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެރޭ އެތަނުގައި ހުޅުވެސް ޖަހައިފައި ވެއެވެ. މިމައްސަލައިގައި ޖެންޑަރއިން ވަނީ އެ ފަދަ ކަންކަން ހިނގަން މެދުވެރިވާ ސަބަބުތައް ހޯދާ، މައްސަލަ ހައްލު ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.
ފިޔަވަތީގައި ހިނގަމުންދާ ކަންކަމަށް އިޝާރާތް ކުރައްވައި މިއަދު ކުރެއްވި ޓްވީޓެއްގައި އާދަމް ޝަރީފް ވިދާޅުވީ، ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެ ކުދިން މި ހާލަތަށް އައި ސަބަބުތައް ދެނެގަނެވިގެން ކަމަށެވެ. އަދި މިކަން ކުރެވޭނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިޙްސާސްތައް ދެނެގަނެވިގެން ކަމަށް އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ. އަދި ވިދާޅުވީ، އެތަނުގައި ހިނގާ މައްސަލަ ހައްލު ކުރެވޭނީ އިދިކޮޅުން ވެރިކަމަށް އައިސްގެން ކަމަށެވެ.
"ފިޔަވަތީގެ މައްސަލަ ހައްލުވާނީ އެތަނުގައި ތިބި ކުދިންގެ ބޭނުންތަކާއި އިޙްސާސްތަކާއި އެކުދިން މިހާލަތަށް އައި ސަބަބުތައް ދެނެގަނެވޭފަދަ އޯގާތެރި، އިޚްލާސްތެރި ވެރިބަޔަކު ޖެންޑަރ މިނިސްޓްރީގައި ތިބެގެން، މައްސަލަ ހައްލު ކުރެވޭނީ ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއްގައި. އިންޝާﷲ." އާދަމް ޝަރީފް ވިދާޅުވިއެވެ.