ހުޅުމާލޭ ފިޔަވަތީގެ މުވައްޒިފުން އިހްތިޖާޖް ކުރަނީ!

ދައުލަތުން ބަލަހައްޓަމުން އަންނަ ކުދިން ހުންނަ މަރުކަޒެއްކަމަށްވާ ހުޅުމާލޭ ފިޔަވަތީގައި މަސައްކަތް ކުރާ މުވައްޒިފުން އިހްތިޖާޖް ކުރަން ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން ސްޓޭޓް މިނިސްޓަރ އޮފް ޖެންޑަރ އެންޑް ސޯޝަލް ސާވިސް ފާތިމަތު ޔުމްނާ "ދެން" އަށް ވިދާޅުވީ، އެފަދަ ކަމެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ތަނުގެ ހާލަތު ބެއްލެވުމަށް އެސަރަހައްދަށް ދިއުމަށް މިނިސްޓްރީގެ ފަރާތުން އެކަމަނާ ދަތުރު ފައްޓަވާފައިވާ ކަމަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ. ނަމަވެސް އިތުރު މައުލޫމާތެއް ނުދެއްވައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އެތަނުގެ މުވައްޒިފުން އިހްތިޖާޖް ކުރަމުންދަނީ އެތަނުގައި ތިބި ކުދިން ކުރަމުންދާ ޝަކުވާގެ އަޑު ސަރުކާރުން އަޑު ނާހާތީއެވެ. އަދި ކުދިންގެ މައްސަލަ ހައްލު ނުވެ، ގިނަ ދުވަސްތަކެއް ވެގެންދާތީ، މައްސަލަ ހައްލު ކުރުމަށް މުވައްޒިފުން ޕެޓިޝަނެއްގައި ސޮއި ކުރަމުންދާ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
ފިޔަވަތީގެ މައްސަލަ ހޫނުވެފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ފިޔަވަތީގެ ފުރާޅަށް ކުދިންތަކެއް އަރައި އެތަނުގައި އަލިފާން ރޯކޮށް ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެންނެވެ.