އަނެއްކާވެސް އިދިކޮޅުގެ ޖަލްސާއެއް، އަންނަ ހުކުރު ދުވަހު!
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި އަނެއްކާ ވެސް ބޮޑު ޖަލްސާއެއް ބާއްވަން ނިންމައިފިއެވެ.
އިދިކޮޅުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެ ކޯލިޝަންގެ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީގެ ފަރާތުން ބުނީ އަންނަ ހުކުރު ދުވަހު ބާއްވާ ޖަލްސާއަކީ މިއަދު ގައުމުގެ ހާލަތާ މެދު އޮތް ކަންބޮޑުވުން ފާޅުކުރުމުގެ ގޮތުން ބާއްވާ ޖަލްސާއެއް ކަމަށެވެ. އެގޮތުން މިނިވަންކަމާ މެދު އޮތް ކަންބޮޑުވުން ފާޅުކުރުމަކީ އެންމެ ބޮޑު މަގްސަދުކަމަށް ވެސް އެ ކޯލިޝަނުން ބުންޏެވެ.
ހުކުރު ދުވަހު ޕްރޮގްރެސިވް ކޯލިޝަންގެ ފަރާތުން ބާއްވާ ޖަލްސާގައި ހުރިހާ ސިޔާސީ ޕާޓީއެއްގެ މެންބަރުންނާއި އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ފަރާތްތައް ވެސް ބައިވެރިވުމަށް އެ ކޯލިޝަނުން ވަނީ ދައުވަތު ދީފައެވެ.
އިދިކޮޅުގެ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކޮމިޓީން އިސްވެ ބާއްވާ ޖަލްސާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އެންވަޔަރަމެންޓް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަތީން ވިދާޅުވީ އެ ޖަލްސާއަކީ ގައުމީ ހަރަކާތެއްކަމަށެވެ.
"އެނގިވަޑައިގަންނަވާނެ މިކަހަލަ ހަރަކާތްތަކަކީ ގައުމީ ހަރަކާތެއްކަމަށް ވުމާއެކު މި ޖަލްސާ ކުރިއަށް ދާނީ ފެއްސާ ރަތާއި ހުދުގެ ޖަލްސާއެއް ގޮތުގައި. ވަކި ޕާޓީއެއްގެ ކުލަ ޖެހިގެންނެއްް ނޫން" އަބްދުލްމަތީން ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މި ޖަލްސާއަކީ ވަރަށް ހާއްސަ ޖަލްސާއަކަށް ވެގެންދާނެ ކަމަށާއި އެގޮތުން މި ޖަލްސާގެ ތެރެއިން މިނިވަންކަމަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާ ގުޅޭ ގޮތުން އައު މައުލޫމާތުތަކެއް ރައްޔިތުންނަށް ހިއްސާކުރާނެ ކަމަށެވެ.