ޚަބަރު އިޖުތިމާޢީ

ދުވާފަރު ކޮވިޑް ހާލަތު: ކާފިއުގެ ވަގުތު ކުޑަކޮށްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ރ. ދުވާފަރު/ ފޮޓޯ: ސަން

ކޮވިޑް-19ގެ ވޭދަނައެއް ފެނި މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވާ ރ.ދުވާފަރުގައި އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތުތައް ލުއި ދިނުމަށް ނިންމައި ކާފިއުގެ ވަގުތު ކުޑަކޮށްފިއެވެ.

Ads by Hajj Corporation

ދުވާފަރު ކައުންސިލުން ވިދާޅުވީ ވޭތުވެދިޔަ 2 ހަފްތާގައި އެރަށުން ނެގި ސުންކުތަކުގެ ނަތީޖާއަށް ބެލުމަށް ފަހު، ދުވާފަރުގައި ކޮވިޑް-19 ގެ ބަލިމަޑުކަން ފެތުރުން ކޮންޓްރޯލްކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރެއިން، އިޢުލާނުކޮށްފައިވާ ކާފިއުވަގުތަށް ލުއި ދިނުމަށް ދުވާފަރު ޓާސްކްފޯސްއިން ނިންމައިފައިވާ ކަމަށެވެ. އެ ގޮތުން 2021 ސެޕްޓެމްބަރ 20އިން ފެށިގެން ކާފިއުވަގުތަކީ ރޭގަނޑު 9:00އިން ފަތިހު 4:00އަށް ކަމުގައި ދުވާފަރު ކައުންސިލުން ހަމަޖައްސައިފައި ވެއެވެ.

ދުވާފަރު ކައުންސިލުން ވިދާޅުވީ ކާފިއުގެ ވަގުތު ކުޑަކޮށްފައިވީ ނަމަވެސް ކުރިންވެސް އަޅައިފައިވާ ފިޔަވަޅުތައް ދެމިއޮންނާނެ ކަމަށާއި ކާފިއު ވަގުތުތައް ފިޔަވައި އެހެނިހެން ވަގުތުތަކުގައި ވެސް 3 މީހުންނަށް ވުރެ ގިނައިން އެއްވެ ނޫޅުމަށް އަންގާކަމަށެވެ. މީގެ އިތުރުން މޮނިޓަރިންގެ ހާލަތު އުވައިލެވެންދެން ޖޯލިފަތިތަކާއި، ޕާކްތަކާއި، ފިނިމައިޒާންތަކާއި، ހަޓުތަކާއި،ބީޗްތަކާއި، ހިއްކިފަސްގަނޑު އަދި ދަތުރުވެރިންގެ ހިޔާ ފަދަ ތަންތަނަށް އެއްވެ އުޅުމަކީ މަނާކަމެއް ކަމަށާއި ޒަރޫރީ ހާލަތެއްގައި މެނުވީ އެއްގެއިން އަނެއް ގެއަށް ޒިޔާރާތްކޮށް ހެދުމަކީ ވެސް މަނާކަމެއް ކަމުގައި އަންގާކަމަށް ވެސް ކައުންސިލްގެ އިއުލާނުގައި ވަނީ ވިދާޅުވެފައެވެ.

މެއިމަހު މޮނިޓަރިންއަށް ލީ ދުވާފަރަކީ މިވަގުތު މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވެފައިވާ ރަށެވެ. ދުވާފަރު ސިއްހީ މަރުކަޒުން އާއްމުކޮށްފައިވާ އެންމެފަހުގެ ކޮވިޑް ނަންބަރުތައް ދައްކާގޮތުން މިވަގުތު އެރަށުގައި ބަލި ޖެހިފައި ތިބި 42 މީހުން އެބަތިއްބެވެ. އަދި މިހައިތަނަށް އެރަށުން ޖުމްލަ 1038 މީހަކަށް ބަލި ޖެހިފައިވާއިރު 988 މީހުން ވަނީ މިހާތަނަށް ބަލިން ރަނގަޅުވެފައެވެ. ދުވާފަރުން 8 މީހަކު ، ކޮވިޑް ޖެހިގެން ނިޔާވެފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!