ޖާބިރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުﷲ ޖާބިރު އއ.މަތިވެރިއަށް ދިޔަ ވަގުތު އެ ރަށުން ޖާބިރަށް ހަމަލާދިން މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ޖާބިރަށް ހަމަލާދިން މައްސަލައިގައި ކޯޓު އަމެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 42 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. މި ދެމީހުން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.
މިމަހުގެ 20 ވަނަ ދުވަހު ޖާބިރު މަތިވެރިއަށް ވަޑައިގެންނެވުމުން ހަމަނުޖެހުން ހިންގައި އޭނާއަށް ވަނީ ހަމަލާ ދީފައެވެ. ހަމަލާ ދިނީ އެ ރަށު ކައުންސިލު ރައީސް އަހުމަދު އަސްލަމްގެ އެންގުމަށް ކަމަށް ޖާބިރު ވަނީ ތުހުމަތު ކުރައްވައިފައެވެ.
އެނގިފައިވާ ގޮތުގައި މަތިވެރީގެ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި، ޖާބިރު ވަނީ ވަރަށް ހަޑި ހުތުރުކޮށް މުހާތަބު ކޮށްފައެވެ. ޖާބިރު މަތިވެރީ ކައުންސިލު ރައީސަށް ފޯނުން ގުޅުއްވައި ހުތުރު ބަހުން މުހާތަބު ކުރެއްވި ކަމުގެ އޯޑިއޯއެއް ވެސް މިހާރު ދަނީ ދައުރުވަމުންނެވެ.
އިއްޔެ އޮތް މަޖިލީހުގެ ޖަލްސާގައި ޖާބިރު ވަނީ މަތިވެރީ ރައްޔިތުންނަކީ އައިއެސް ޖަމާއަތުގެ ބައެއް ކަމަށް ވިދާޅުވެ، އެރަށަށް އެއްވެސް މީހަކު ނުދިޔުމަށް ގޮވައިލައިފައެވެ.