އެމްޑީޕީގެ އިންތިޚާބުގައި މޮޅުވި ކެނޑިޑޭޓުންނަށް އިސް ލީޑަރުގެ މަރުޙަބާ!

މިދިޔަ ހޮނިހިރު ދުވަހު އޮތް ، ވެރިކަން ކުރާ މޯލްޑިވްސް ޑިމޮކްރަޓިކް ޕާޓީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ފަރާތްތަކަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މަރުޙަބާ ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހައިސިއްޔަތުން އެމްޑީޕީގެ އިސް ލީޑަރުގެ މަގާމު ވެސް ފުރުއްވާ އިބްރާހިމް މުޙައްމަދު ޞާލިޙް އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރެއްވި ހުރިހާ މެންބަރުންނަށް ތަހުނިޔާއާ މަރުޙަބާ ވިދާޅުވާ ކަމަށާއި މި އިންތިޚާބުގައި ވާދަކުރެއްވި ހުރިހާ ކެނޑިޑޭޓުންނާއި ވޯޓުލުމުގައި ބައިވެރިވި ޕާޓީގެ މެންބަރުންނަށް ޝުކުރު ވިދާޅުވާ ކަމަށެވެ.
އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހޮވުނު މެންބަރުންނަށް އެމްޑީޕީގެ ރައީސް، މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދު ވެސް ވަނީ އިއްޔެ މަރުޙަބާ ވިދާޅުވެފައެވެ. އޭގެ ފަހުން ވަކި ޓްވީޓެއް ކުރައްވައި ބަރުލަމާނީ ނިޒާމަށް ތާއީދު ކުރި ކެނޑިޑޭޓުންނަށް މަރުޙަބާ ވިދާޅުވިއެވެ.
މިފަހަރުގެ އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ފެނިގެން ދިޔައީ ވަރަށް ވާދަވެރި އިންތިޚާބެއްގެ ގޮތުގައެވެ. އެމްޑީޕީ ދެ ފެކްޝަނަށް ބައިވެފައި އޮއްވާ ފެންމަތިވި ފުރަތަމަ އިންތިޚާބުގައި، ދެ ފެކްޝަނުން ވެސް ބުނެފައި ވަނީ ކާމިޔާބުކުރީ އެމީހުން ކަމަށެވެ.