ރިޕޯޓް

އެމްޑީޕީ ޤައުމީ މަޖިލީހުގެ ނަތީޖާ: ދެ ފަރާތުން ވެސް ބުނަނީ ކާމިޔާބުކަމަށް، ރައްޔިތުން ވާނުވާގައި!

މަރިޔަމް އިސްމާޢިލް ، ދެން އޮންލައިން

ހޮނިހިރު ދުވަހު އެމްޑީޕީން ބޭއްވި ޤައުމީ މަޖިލީހުގެ އިންތިހާބަކީ ވަރަށް ފޯރިގަދަ އިންތިހާބަކަށް ވެގެން ދިޔައެވެ. ސަބަބެއްކަމުގައި ގިނަ ބަޔަކު ބުނެފައި ވަނީ އެއީ ދެ ރައީސުންނަށް ވެސް ވަރަށް ބޮޑު އިމްތިހާނަކަށް ވުމުން ކަމަށާއި އަދި އޭގެ އިތުރު ސަބަބަކީ ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމާ ހެދި ރައީސް މުހައްމަދު ނަޝީދު އަބަދުވެސް ބަގުޑި ބައްދަމުން ދާތީ އެކަމަށް ވެސް ނިމުމެއް ގެންނާނެ އިންތިހާބަކަށް ވުމުން ކަމަށެވެ.

Ads by Hajj Corporation

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު ފެންނަން އޮތީ އެމްޑީޕީގެ އިސްލީޑަރު ރައީސް އިބްރާޙިމު މުޙައްމަދު ޞާލިހު ފަޅީގައި ތިއްބެވި ބޭފުޅުން ބޮޑު ތަނުން ކާމިޔާބު ހޯދި ތަނެވެ. އެހެންނަމަވެސް ހުރިހާ ދާއިރާގެ ނަތީޖާ ލިބުމާ އެކު އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅިން އެ ބޭފުޅުންނަށް ބޮޑުތަނުން ކާމިޔާބު ކުރެވުނު ކަމަށް އިއުލާންކުރިއެވެ.

އެ އިންތިހާބަށް ފަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖުމްލަ ނަމްބަރަކަށް ވާނީ 174ކަމަށް ހިސާބުތަކުން ދައްކަ އެވެ. ހޮނިހިރު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބުން ހޮވި 87 ދާއިރާގެ ރައީސުންނާއި ހަ ޕްރޮވިންސުގެ ރައީސުންނާއި ހަތަރު ސިޓީގެ ރައީސުން ހިމެނޭ ގޮތަށް ޖުމްލަ 97 ގޮނޑިއަށް ހޮވުނު ބޭފުޅުން އެމްޑީޕީގެ އެންމެ ބާރުގަދަ ގުނަން، ގައުމީ މަޖިލީހުގައި ތިއްބަވާނެއެވެ.

އެ 97 ގޮނޑީގެ ތެރެއިން ރައީސް ޞާލިހުގެ ފެކްޝަނުން ކާމިޔާބު ކުރި ކަމަށް ހިސާބުތަކުން ދައްކަނީ 69 ގޮނޑިއެވެ. އެހެންކަމުން އެ އިންތިހާބުގައި ހޮވި ގައުމީ މަޖިލީހުގެ ސީޓްތަކުގެ ތެރެއިން %71 ކާމިޔާބު ކުރީ ރައީސް ޞާލިހުގެ ފެކްޝަނެވެ.

މާލޭގެ 13 ދާއިރާގެ ތެރެއިންއަށް ދާއިރާއެއް ކާމިޔާބު ކުރީ ރައީސް ޞާލިހުގެ ފެކްޝަނުން ވާދަކުރެއްވި ބޭފުޅުންނެވެ. އަދި އަތޮޅު ތެރޭގެ ގިނަ ދާއިރާތައް ވެސް ކާމިޔާބު ކުރެއްވީ ރައީސް ސޯލިހުގެ ފެކްޝަނެވެ. އޭގެ ތެރޭގައި ރައީސް ސޯލިހުގެ ފަރާތްޕުޅުން ނިކުންނެވި ކެބިނެޓް މިނިސްޓަރުންނާއި ކުންފުނިތަކުގެ އިސް މަގާމުތަކުގައި ތިއްބެވި ގިނަ ބޭފުޅުން ގޮނޑި ކާމިޔާބު ކުރެއްވިއެވެ. ނަމަވެސް ކުޅުދުއްފުށީ ސިޓީގެ ދާއިރާތަކާއި އައްޑޫ ބައެއްގެ ދާއިރާތަކުން ވަނީ ރައީސް ޞާލިހުގެ ފެކްޝަންގެ ކެނޑިޑޭޓުންނަށް ނާކާމިޔާބާ ކުރިމަތިވެފައެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވަނީ ޗެއާޕާސަންއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޕާޓީގެ ރައީސް މުހައްމަދު ނަޝީދާއި 2 ޗެއާޕާސަންގެ ނައިބު އަދި އެމްޑީޕީގެ 10 ވަޒީރުންނާއި ޕާލިމަންޓްރީ ގްރޫޕުގެ 65 މެންބަރުންނާއި އަންހެނުންގެ ރޫހުގެ ރައީސާއާއި ޒުވާނުންގެ ރޫހުގެ ރައީސްގެ އިތުރުން އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ރައީސެވެ. އެގޮތުން ގައުމީ މަޖިލީހުގައި ތިއްބަވާ ރައްޔިތުން މަޖިލީހުގެ އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ރައީސް ޞާލިހުގެ ނަމްބަރަކީ 39އަކާއި 42 އާ ދެމެދުގެ އަދަދެކެވެ. އަދި ކެބިނެޓުގައި ތިއްބަވާ އެމްޑީޕީގެ ވަޒީރުންގެ ހައިސިއްޔަތުން 10 ވަޒީރަކު ގައުމީ މަޖިލީހުގައި ތިއްބަވައެވެ. އެހެންކަމުން ހޮނިހިރު ދުވަހުގެ އިންތިހާބުން ދާއިރާތަކަށް އިންތިހާބުވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ޔޫތު މިނިސްޓަރު މަހުލޫފު ނުހިމަނައި ވަޒީރުންގެ ތެރެއިން ރައީސް ޞާލިހަށް ހަތަރު ބޭފުޅެއް ތާއީދު ކުރައްވައެވެ. އެހެންކަމުން، ގައުމީ މަޖިލީހުން ރައީސް ޞާލިހުގެ ފެކްޝަނަށް ކާމިޔާބު ކުރެވުނު 69 ގޮނޑިއާއި މަޖިލީހުގެ 40 މެންބަރުންނާއި ކެބިނެޓުގެ ހަތަރު މެންބަރުން ހިމަނައިގެން ގައުމީ މަޖިލީހުގެ 114 ގޮނޑި ރައީސް ޞާލިހުގެ ފެކްޝަނަށް ލިބެއެވެ. އެއީ ގައުމީ މަޖިލީހުގެ 174 ގޮނޑީގެ %65 ޕަސެންޓެވެ.

ނަމަވެސް މިކަމުގައި ނަޝީދު ފެކްޝަންގެ ވިސްނުން ތަފާތެވެ. އެ ފެކްޝަނުން ބުނަމުން ގެންދަނީ ވަޒީރުންނަށާއި މަޖިލިސް މެމްބަރުން ދާއިރާތަކަށް އިންތިހާބުވެގެން ދިޔަ ނަމަވެސް ރައީސް ޞާލިހަށް ލިބުނު ގޮނޑިތައް އިތުރު ނުވާ ކަމަށާއި އިންތިހާބުގައި 54 ގޮނޑި ބަރުލަމާނީއަށް ލިބި ނަޝީދު ބޮޑުތަނުން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށެވެ.

އަދި ނަޝީދު ބޭނުންފުޅުވާ ގޮތަށް ވެރިކަމުގެ ނިޒާމު ފުރޮޅައިލާ ބަރުލަމާނީ ގެންނަން މިހާރު ވެސް އެއްވެސް އުނދަގުލެއް ނެތް ކަމަށް ވެސް އެ ފެކްޝަނުން ދަނީ ބުނަމުންނެވެ. ހަމައެހެންމެ އެ މީހުން ބުނަމުން ދަނީ ރިޔާސީ ޓިކެޓު ރައީސް ޞާލިޙުއަށް ހޯއްދެވޭނީ ޕާޓީގެ ޤަވާއިދުގެ ތެރެއިން ޕްރައިމަރީގައި ވާދަކޮށްގެން ކަމަށާއި އެ  ނޫންނަމަ ޕާޓީ އުފެއްދި މަޤްޞަދު ވެސް ގެއްލި ޑިމޮކްރެސީއާ ޚިލާފުވެވޭނެ ކަމަށެވެ.

މިކަމުގައި ޞާލިޙުގެ ފެކްޝަންގެ ބަސް ތަފާތެވެ. އެމީހުން ބުނަމުން ދަނީ ޞާލިޙުއަށް ރިޔާސީ ޓިކެޓު ކަށަވަރުވެ ހުރިހާ ބާރުތަކެއް ޕާޓީގެ ތެރެއިން ޞާލިޙުއަށް ލިބިވަޑައިގެންފިކަމަށެވެ.

ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނުން އެންމެ ބޮޑު ކާމިޔާބެއްގެ ގޮތުގައި ފާހަގަ ކުރަނީ މާލޭގެ ރައީސްކަން ކުރީގެ މޭޔަރު ސިފާ މުހައްމަދު އެކަމުގައި ކާމިޔާބު ކުރެއްވުމެވެ. ސިފާ ކާމިޔާބު ހޯއްދެވީ ރައީސް ޞާލިހުގެ ފެކްޝަނަށް ނިސްބަތްވާ ކަމަށް ބުނާ ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާ ވާދަކޮށެވެ.

ރައްޔިތުން މަޖިލީހުގެ އެމްޑީޕީ މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވި ގޮތުގައި އިއްޔެގެ އިންތިހާބުން ފެނުނު އެންމެ ބޮޑު މަންޒަރަކީ އެމްޑީޕީގެ އެތެރޭގެ ބާރުތައް އެހެން ގޮތަކަށް ތަރުތީބުވަމުން އަންނަ ކަމެވެ. ހާއްސަ ގޮތެއްގައި ޒަމާނުއްސުރެ އެމްޑީޕީގެ ލީޑަޝިޕްގެ ބާރުތައް އެއް ފަރާތަކަށް ބުރަވެފައި އޮތް އޮތުން ނިމުމަކަށް އައިކަމުގެ ނިޝާން މި އިންތިހާބުގެ ނަތީޖާއިން ފެންނަ ކަމަށް ވެސް އެ މެންބަރު ވިދާޅުވި އެވެ.

ހިސާބުތަކުން ދައްކާ ގޮތުގައި ނަޝީދު ފެކްޝަންގެ ބޭފުޅުންނަށް ލިބިވަޑައިގެންނެވީ ގާތްގަނޑަކަށް 28 ގޮނޑިއެވެ. އަދި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 65 މެންބަރުންގެ ތެރެއިން ނަޝީދަށް ތާއީދު ކުރައްވަނީ 25 ވަރަކަށް މެންބަރުންނެވެ. އެހެންކަމުން ރައީސް ނަޝީދުގެ ފެކްޝަނަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ލިބޭނީ 54 ގޮނޑިއެވެ. އެއީ ރައީސް ގައުމީ މަޖިލީހުގެ %31 ކަމަށް ބުނެވިދާނެއެވެ.

މި އިންތިހާބުގެ ނަތީޖާއިން އެނގިގެން ދިޔައީ ކޮރަޕްޝަނާއި ފަސާދައިގެ މައްޗަށް ކުރި ހޯދީ ބަރުލަމާނީ ކެނޑިޑޭޓުން ކަމަށާއި އަދި މިއީ ބަރުލަމާނީ ނިޒާމެއް ގެންނަން އެމްޑީޕީން ކުރާ މަސައްކަތަށް ލިބުނު އިތުރު ހިތްވަރެއް ކަމަށް ވެސް ނަޝީދު ފެކްޝަނުން ވަނީ ބުނެފައެވެ.

ކޮންމެއަކަސް ދެކޮޅުން މޮޅެއް ލިބުނު ކަމަށް ދައުވާކުރާ މި އިންތިހާބާ އެކު ދެން ވެގެންދާނެ ގޮތަކާ މެދު ގިނަ ބަޔަކު ތިބީ އިންތިޒާރުގައެވެ. ބަލަން ތިބެމާ ބަހީއެވެ.

  1. ކިލެގެފާނު

    އައްނީތޭ ރައްދުވޭހިގާމީހަށް

  2. ވާނުވާވީ ކޮންބައެއް

    ވާނުވާ ނޭނގެން މި އިންތިހާބަކީ މޮޅުވާ ބަޔަކު ހޮވަން ބޭއްވި އިންތިހާބެއްނޫނޭ…. އެމް.ޑީ.ޕީ މެމްބަރުންނައް ވާނުވާއިނގޭ.. ވާނުވާ ނޭނގިގެން މީޑިއާގަ ލަފާކޮއްފަ ފާޑު ފާޑުގެ ވާހަކަތައް އަބަދުވެސް ދައްކާ.. އެމް.ޑީ.ޕީ ގެ ގިނަމެންބަރުން ތާއިދު ކުރާކަމެއް ބަރްލަމާން ނިޒާމަކީ..