ވިދަމުން އަންނަ ވޯކަލިސްޓް ޢަބްދުﷲ ފަރީދުގެ "ހިތުގެ ޤަރާރޭ މީ" ގިނަބައެއްގެ ހިތްތަކާ ކުޅެލައިފި!
ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި މިހާރު ކުރިއަރަމުން އަންނަ ނަން މަޝްހޫރު ވޯކަލިސްޓް ޢަބްދުﷲ ފަރީދު، އަނެއްކާ ވެސް އޭނާގެ މޮޅު ހުނަރު ދައްކާލައިފިއެވެ.
ޢަބްދުﷲ ފަރީދު ވަނީ، މި ފަހުން އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ ހިންދީ ލަވައެއް ކަމުގައިވާ "ދިލް ކޮ ކަރާރް އާޔާ" ލަވައިގެ ދިވެހި ވާޝަންއެއް ނެރެފައެވެ.
"ހިތުގެ ޤަރާރޭ މީ" ގެ ނަމުން ނަން ދީފައިވާ މިލަވައަށް ވަރަށް ގިނަ ބައެއްގެ ލޯތްބާއި ތަރުހީބު އަންނަނީ ލިބެމުންނެވެ. މި ލަވަ ރިލީޒްވުމުގެ ކުރިން އޭގެ ޓްރެއިލާ ވެސް ވަނީ ހަފްތާއެއްގެ ތެރޭގައި މުޅި ސޯޝަލް މީޑިޔާގައި ވައިރަލް ވެގެން ގޮސްފައެވެ.
މި ލަވަޔާ މެދު "ދެން" އށް މައުލޫމާތު ދެމުން ޢަބްދުﷲ ފަރީދު ބުނީ މިލަވަ އަކީ މިހާތަނަށް އޭނާއަށް ތައްޔާރުކުރެވުނު އެންމެ ހިތްހަމަޖެހޭ އަދި އެންމެ ޚާއްސަ ލަވަ ކަމުގައެވެ.
"ހިތުގެ ޤަރާރޭ މީ" ގެ ކުރިން ވޯކަލިސްޓް ޢަބްދުﷲ ފަރީދު ވަނީ "މަންމަ" މި ސުރުޙީއަށް ވެސް މީގެ ކުރިން ލަވައެއް ހަދައިފައެވެ. އޭނާ ބުނި ގޮތުގައި އެ ލަވައަކީ ވެސް އޭނާއަށް ވަރަށް ޚާއްސަ ލަވައެކެވެ. އެއީ އޭނާގެ ހިތުގެ އިޙުސާސްތައް އޭނާގެ މަންމައަށް ޑެޑިކޭޓްކޮށް ތައްޔާރުކުރެވިފައިވާ ލަވައަކަށް ވީތީ ކަމަށް ވެސް ޢަބްދުﷲ ފަރީދު ބުންޏެވެ.
"އަޅުގަނޑު މީގެ ކުރިންވެސް 'މަންމަ' މި ޓޮޕިކަށް ލަވައެއް ހަދާފައި ހުންނާނެ. ނަމަވެސް މިލަވައަކީ އަޅުގަނޑުމެންނަށް ޓަކައި މަންމަ ވެފައިވާ، އަދި ވަމުންގެންދަވާ ޤުރުބާނީ ބަލައިގަތުމުގެ ގޮތުން އެކަމަނާއަށް ޚާއްސަކޮށް ހަދާފައިވާ ޅެމެއް. އޭގެ އިތުރުން މިލަވަ ތައްޔާރުކޮށް ނެރެން ޝައުގުވެރިވީ މިލަވައިގެ ޅެމުގެ ތަންކޮޅެއް ޓިކްޓޮކަށް ދޫކޮށްލުމުން ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިގެން ދިޔުމުން" ޢަބްދުﷲ ފަރީދު ބުންޏެވެ.
ހަމައެއާ އެކު ޢަބްދުﷲ ފަރީދުގެ މިއަހަރުގެ މަސައްކަތްތަކުގެ ތެރޭގައި މީގެ ހަތަރު މަސް ކުރިން ނެރެވުނު މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހިމްގެ ހިދާއީ ނޫރު އަލްބަމް 4 ކޮމްޕޯސްކޮށް، އެ އަލްބަމްގެ 2 މަދަޙައެއްގެ ރާގު ހަދައި، ކިޔުމުގައި ވެސް ބައިވެރިވުން ވެސް ހިމެނެއެވެ.
މި މަސައްކަތްތަކުގެ އިތުރުން މީގެ ތިން މަސް ކުރިން ޢަބްދުﷲ ފަރީދު ވަނީ "ފަހު ޒަމާން"ގެ ނަމުގައި މަދަޙަ އަލްބަމެއް ވެސް ނެރެފައެވެ. އޭނާގެ ކުރިޔަށް ހުރި ޕްރޮޖެކްްޓުތަކުގެ ތެރޭގައި ރާއްޖޭގެ އިސްސަފުގައި ގުނައިލެވޭ ގިނަ ފަންނާނުން އެކުލެވޭހެން "ކައިވެނި" މި މަޢުލޫގެ މައްޗަށް ބިނާކޮށް ތައްޔާރީތައް ކުރެވެމުން އަންނަ އަލްބަމެއްގައި ވެސް ލީޑް ވޯކަލިސްޓެއް ގޮތުގައި ފެނިގެންދާނެކަމަށް ޢަބްދުﷲ ފަރީދު ބުނެފަައިވެއެވެ. އެ އަލްބަމްގައި އިތުރުގެ ފަންނާނުންގެ ގޮތުގައި ޝަލަބީ، ތޭރަ، ކުޑަ އިއްބެ އަދި ހުސައިން އަލީ ފަދަ އަދި މި ނޫން ވެސް ފުންނާބު އުސް ބޭބޭފުޅުން ހިމެނޭކަމަށް ވެސް ޢަބްދުﷲ ފަރީދު ބުންޏެވެ.
ޢަބްދުﷲ ފަރީދު ބުނީ އެ އަލްބަމްގެ %85 މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
އެތައް ބަޔަކަށް ކަމުގޮސްފައިވާ ޢަބްދުﷲ ފަރީދުގެ "ހިތުގެ ޤަރާރޭ މީ" ލަވައިގެ ރެކޯޑިންގް ހަދައިފައި ވަނީ މާސްކޭ ސްޓޫޑިއޯގައެވެ.
މި ފުރުސަތުގައި ޢަބްދުﷲ ފަރީދު ވަނީ، މި ލަވައިގެ ރެކޯޑިން، މިކްސިންގް އަދި މާސްޓަރިންގ ހަދައިދީފައިވާ އަލީފް އަލީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.
"އެހާ ފުރިހަމައަށް އަޅުގަނޑުގެ ލަވަ ނިންމާލަދެއްވީތީ އަލީފް އަލީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. " ޢަބްދުﷲ ފަރީދު ބުންޏެވެ.
މީގެ އިތުރުން، މިލަވައިގެ އިތުރު ވޯކަލްސްގައި ބައިވެރިވި ސުމާގެ ނަން ފާހަގަކޮށް ޢަބްދުﷲ ފަރީދު ވަނީ އޭނާއަށް ވެސް ޝުކުރު އަދާކޮށްފައެވެ.
"އިންޝާﷲ ކުރިޔަށް އޮތްތާ ވެސް އިތުރު ފުރިހަމަ ޅެންތަކާއި ހިތްގައިމު ރާގުތައް އަދި ޑުއެޓްތައް ވެސް އިވިގެންދާނެ. މިފުރުސަތުގައި އެންމެހާ އަޑުއެހުންތެރިންނާއި ހުރިހާ ސަޕޯޓަރުންނަށް ވެސް ވަރަށް އިޚްލާސްތެރިކަމާއެކު ފަށްފަށުން ޝުކުރު އަދާކުރަން" ރަންއަޑުގެ ވެރި ޢަބްދުﷲ ފަރީދު ބުންޏެވެ.
ޢަބްދުﷲ ފަރީދު ބުނީ ސަޕޯޓަރުން ދެއްވާ ތަރުޙީބު އަބަދުވެސް އޭނާ ބަލައިގަންނަ ކަމަށާއި ކުރިއެރުމުގައި އެއީ އޭނާއަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ހައްދުން ނެއްޓުން.ތިއީ މަދަޙާޢެއް ނޫން.ތައުބާވޭ..