އަމީން ދޫކޮށްލި މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަނީ

އައިއެސް ޖަމާއަތުގެ ފަރާތުން ރާއްޖޭގައި ހަރަކާތްތެރިވާ އެންމެ އިސް މީހާ ކަމަށް ދައުލަތުން ތުހުމަތު ކޮށްފައިވާ މުހައްމަދު އަމީން، މިނިވަންކުރުމަށް ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ މާދަމާ ސުޕްރީމް ކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ.
އަމީން މިނިވަން ކުރަން ހައިކޯޓުން ހުކުމް ކޮށްފައި ވަނީ އޭނާގެ މައްޗަށް ދައުވާކުރުމުގެ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް ބާތިލް ކުރުމަށްފަހުގައެވެ. ހައިކޯޓުން އޭނާ މިނިވަން ކުރީ މި މަހުގެ 16 ވަނަ ދުވަހުގައެވެ.
ހައިކޯޓުން އިއްވި ހުކުމް ދައުލަތުގެ ފަރާތުން އިސްތިއުނާފު ކޮށްފައިވަނީ މި މަހުގެ 20ވަނަ ދުވަހުގައެވެ.
އަމީން ދޫކޮށްލުމަށް ހައިކޯޓުން މިމަހުގެ ހުކުމް ކުރި ނަމަވެސް އެ ކޯޓުން ފަހުން ވަނީ އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެފައެވެ. އިރުއޮއްސި 6:00އިން ހެނދުނު 6:00އަށް އަމީން ބޭރަށް ނުކުތުން އެ އަމުރުން ވަނީ މަނާކޮށްފައެވެ. އަދި މާލެއިން ބޭރަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން ކަމަށް ވެސް އެ އަމުރުގައި ކަނޑައަޅައިފައިވެއެވެ.







ކޮމެންޓް