ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އޮތީ ކޮރަޕްޝަންގެ ސަގާފަތެއް: ޓްރާންސްޕޭރަންސީ

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރޭގައި އަދިވެސް އޮތީ ކޮރަޕްޝަނަށް މަގުފަހި ކުރާ މައުލޫމާތު ހިފެހެއްޓުމުގެ ސަގާފަތެއް ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ވިދާޅުވެއްޖެއެވެ.
މައުލޫމާތު ހޯދައި ލިބިގަތުގެ ޙައްޤުގެ ދުވަހާ ގުޅިގެން ޓްރާންސްޕޭރަންސީ މޯލްޑިވްސްއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ރާއްޖޭގެ ހިންގުމުގެ ނިޒާމު އެތުރިފައިވާ ގޮތުން، ރައްޔިތުންނަށް ގާތުން އަސާސީ ހިދުމަތްތައް ދިނުމުގައި މައިގަނޑު ދައުރެއް އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަތްމަތީގައި ކަމަށެވެ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހާމަކަމާއި ހުޅުވިފައިވާ މިންވަރު އަންގައިދޭ އެއްޗަކީ އާންމު ރައްޔިތުންނަށް އެ މުއައްސަސާތަކުން މައުލޫމާތު ހޯދާ ލިބިގަތުމަށް ފަސޭހަވެފައިވާ މިންވަރު ކަމަށް ބަޔާނުގައި ވިދާޅުވިއެވެ. އަދި ވިދާޅުވީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ތެރެއަށް ނުވަންނަކަމަށް ބުނެ ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކުން ކުރަމުންދާ މަސައްކަތްތަކަކީ، ރައްޔިތުންނަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގަކަށް ގޮންޖެހުން ކަމަށެވެ.
"ސަރުކާރު ހިއްސާވާ ކުންފުނިތަކަކީ، ދައުލަތުން ސީދާ ގޮތުން ނުވަތަ ސަބްސިޑީޒްގެ ގޮތުގައި ފައިސާއާއި ވަސީލަތްތައް ލިބޭ، އަދި ދައުލަތުގެ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ މުއައްސަސާތަކެކެވެ. އެހެންކަމުން، މައުލޫމާތު ހޯދާ ލިބިގަތުމުގެ ހިއްމުގެ ގާނޫނުގެ ތެރެއަށް ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަންނަކަމަށް ބުނަމުންދާ ބުނުމަކީ މިޖަމިއްޔާއިން ބަލައިގަންނަ ކަމެއް ނޫނެވެ." އެ ބަޔާނުގައި ވިދާޅުވިއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވީ، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމަށް އެންމެ މުހިންމު ކަމަކީ މުއައްސަސާއެއްގެ ހާމަކަން އިތުރުކުރުމާއި އެންމެންނަށް ފަސޭހައިން މައުލޫމާތު ހޯދައި ލިބިގަނެވޭނެ ގޮތްތަކެއް ހަމަޖެހިފައި އޮތުން ކަމަށެވެ. މިގޮތުން، 27 ޖޫން 2010ގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގުން ހަރުދަނާ ކުރުމަށް މަޝްވަރާކުރުމަށް ބޭއްވި މަހާސިންތާގައި ކުންފުނިތަކުގެ އިސްވެރިން، ކޮރަޕްޝަނަށް އެއްވެސް ވަރަކަށް ތަން ނުދިނުމަށާއި ކޮރަޕްޝަން އެއްކޮށް ނައްތައިލާންލ މަސައްކަތް ކުރާނެކަމަށް އިގުރާރުވި އިގުރާރުވުން އެ ޖަމިއްޔާއިން ހަނދާންކޮށްދޭ ކަމަށް ވެސް ބަޔާނުގައިވެއެވެ.
ބަޔާން ނިންމައިލަމުން ވިދާޅުވެފައި ވަނީ، ދައުލަތުގެ އަސާސީ ހިދުމަތްތައްދޭ، ރައްޔިތުންގެ ހިއްސާ އޮންނަ، ރައްޔިތުންގެ ކުންފުނިތަކުން މައުލޫމާތު ހާމަކޮށް ފޯރުކޮށްދިނުމަށް ދެކޮޅު ހަދާ ދެކޮޅުހެދުންތައް ހުއްޓައިލާ، މައުލޫމާތު ހޯދުމަށް ކުރިމަތިކުރަމުންދާ ހުރަސްތައް ނައްތައިލާން އެ ޖަމިއްޔާއިން ގޮވައިލާ ކަމަށެވެ. އަދި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ރޫހާ އެއްގޮތަށް މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށް އިންތިޒާމުތައް ހަމަޖެއްސުމާ އެކު، އިސްނަގައިގެން މައުލޫމާތު ހާމަކުރުމުގެ ސަގާފަތް ކުރިއެރުވުމަށް ވެސް އެ ޖަމިއްޔާއިން ވަނީ ގޮވައިލާފައެވެ.







ކޮމެންޓް