އިސްލާމިކް މިނިސްޓަރ ހައްޔަރުކުރަން ޖާބިރު ގޮވައިލައްވައިފި

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހައްޔަރު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގޮވައިލައްވައިފިއެވެ.
"ދެން"އަށް މައުލޫމާތު ދެއްވަމުން ޖާބިރު ވިދާޅުވީ ތައުބާ ވާން ޖެހޭވަރުގެ ވާހައެއް އޭނާ ނުދައްކަވާ ކަމަށާއި އިސްލާމިކް މިނިސްޓަރ ހައްޔަރުކޮށް އެބޭފުޅާގެ މައްޗަށް އިސްލާމީ ޝަރީއަތް ތަންފީޒު ކުރައްވަން ޖެހޭކަމަށެވެ.
"ހައްޔަރުކޮށްފައި އިސްލާމީ ޝަރީއަތް ތަންފީޒުކޮށްފައި. އޭނާ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ހައްޔަރު ކުރަން ޖެހޭނީ އެއީ އޭނާއަކީ ދޮގު ފަތުރާ އޮޅުވާލާ ރާއްޖޭގެ މި އިސްލާމް ދީނޭ ކިޔައިގެން އަދާލަތު ޕާޓީއޭ ކިޔައިގެން ޣައިރު ދުސްތޫރުން އެއްޗެއް އުފައްދައިގެން. ބައްލަވާ އަދާލާތު ޕާޓީގެ ގޮނޑިއެއް މަޖިލީހަކުއެއް ނެތޭ" ޖާބިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިސްލާމިކް މިނިސްޓަރަށް ގުރުއާން ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެބޭފުޅާއަކީ ޓެރަރިސްޓެއް ކަމަށާއި މީހުން މަރަން ގޮވައިލާ މީހެއްކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ތައުބާވާން ޖެހޭ ވަރުގެ ވާހަކައެއް އޭނާ ނުދައްކަވާ ކަމަށާއި އޭނާ ވާހަކަ ދެއްކެވީ ގުރުއާނުން ކަމަށެވެ. އެގޮތުން ތަކުރާރުކޮށް ސޫރަތުލް ކާފިރޫންގައިވާ ހަތަރުވަނަ އާޔަތް ވިދާޅުވަމުން ޖާބިރު ވިދާޅުވީ އެހެން ދީންތަކަށް ޖާގަ ދިނުމަށް ބުނުމަކީ ދީނުން ބޭރުވުން ނޫން ކަމަށެވެ.
ރައްޔިތުންގެ މަޖިލިސްގެ އިއްޔެގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މާތްالله ވޮޑިގެންވާކަން އޭނާ ގަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ދީނީ މިނިވަންކަން ރާއްޖޭގައި ދޭން ޖެހޭ ކަމަށެވެ. އަދި ދީނީ މިނިވަންކަން ރާއްޖޭގައި ދިނުމަކީ އިސްލާމް ދީނާ ޚިލާފު ކަމެއް ނޫން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ.






ކޮމެންޓް