ދީން

ޙަޤީޤީ ވާހަކަ: އޭނާ މަރުވީ އެންމެ ބޮޑު ފާފައަށް އިޢުތިރާފް ވަމުން

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެންނަކީ މި ވަގުތީ ދުނިޔެ ދޫކޮށްފައި ދާން ޖެހޭނެ ބައެކެވެ. އެކި މީހުން އެކި އުމުރުގައެވެ. އަދި އެކި މީހުން ބަލިބަލީގައެވެ. ނަމަވެސް އެންމެންގެ އެދުމަކީ ވެސް އެމީހެއްގެ ނިމުން ރީތިވުމެވެ. ފަސޭހަ އަދި ލުއި މަރެއްގައި އޭނާ ނިމިގެން ދިޔުމެވެ. އެމީހެއްގެ އެންމެ ފަހު ކަލިމައަކީ ޝަހާދަތުގެ ދެކަލިމަ ކަމަށްވުމެވެ.

Ads by STELCO

މިވާހަކައަކީ މީގެ ހަތްއަހަރު ކުރިން އަޔަލެންޑްގައި ހިނގި ޙަޤީޤީ ޙާދިޘާއެކެވެ. މި ޙާދިޘާގެ ވާހަކަ ކިޔައިދީފައިވަނީ އުސްތާޛު ސުލެއިމާންގެ ދަރުހެއްގައެވެ.

އަޔަލެންޑްގެ ޔުނިވާސިޓީ ދަރިވަރުންތަކެއް ފަރުބަދަ ސަރަޙައްދަކަށް ހައިކިން ކޭމްޕެއްގައި ދިޔައެވެ. މިކޭމްޕްގައި ފަރުބަދަ މަތިން ފުންމަމުން ދިޔައިރު އެއް ޒުވާނަކު ކައްސާލާ ، ފައި ޒަހަމްވިއެވެ. އަދި ލޭ ފައިބަން ފެށިއެވެ. އެހިނދު ކޭމްޕްގައި ދިޔަ ޒުވާނުން ހަދާނެ ގޮތް ހުސްވިއެވެ. އެއްވެސް މީހަކީ ބޭސްވެރިކަމުގެ އިލްމް ލިބިފައިވާ މީހެއް ނޫނެވެ. އަދި މި ކޭމްޕަކީ ހަމައެކަނި ގުދުރަތީ ވަޞީލަތްތަކާއެކު ހޭދަ ކުރާ ކޭމްޕެއް ކަމަށްވުމާއެކު ފޯނު ގެންދިޔުން ވެސް އޮތީ މަނާކަމަށް ހަދާފައެވެ.

އަނިޔާ ލިބުނު ޒުވާނާގެ ހާލު ސީރިއަސްވެ އޭނާ ދުނިޔެ ދޫކޮށްފާނެހެން ހީވުމާއެކު އެތަނުން އެއް ޒުވާނަކު ، އޭނާއަށް ޝަހާދަތް ލައިދިނުމަށް އެތައް މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް ބަލި ހާލުގައި އޮތް މީހާއަށް އެކަމަށް އިޖާބަ ދެވޭނެ ގޮތެއް ނުވިއެވެ. އަޑުއިވޭތޯ އެހުމުން އިވޭ ކަމަށްބުނި ނަމަވެސް އޭނާގެ ދޫ ޝަހާދަތް ކިޔުމަށް ބަރުވިއެވެ. ނުކުޅެދުނެވެ.

ޝަހާދަތް ކިޔުމަށް އިޖާބަ ނުދެވެނީ ކީއްވެތޯ ސުވާލު ކުރުމުން އިރުކޮޅަކަށް ބަސް ހުއްޓުމަށްފަހު ބުންޏެވެ. ފާއިތުވި ހަމަސް ދުވަހު އަހަރެން އެއްވެސް ނަމާދެއް ނުކުރަމެވެ. އަދި އޭގެ އިރުކޮޅެއް ފަހުން އޭނާ މި ދުނިޔެ ދޫކޮށްފިއެވެ. އޭނާގެ އެކުވެރިން ކަރުނަ އަޅާ ރުއި ނަމަވެސް އޭނާ ވަކިވެ ދިޔައީ ޝަހާދަތް ކިޔުމަށް ދޫ ބަންދުވެ ނަމާދު އެޅުމުގެ ބޮޑު ފާފަ އަށް އިޢްތިރާފް ވަމުންނެވެ.

އަޚުންނާއި އުޚުތުންނެވެ. އެމީހަކު މަރުވާ ހުށީ އެމީހަކު ކުރަމުން ދިޔަ ޢަމަލެއްގެ މަތީގައެވެ. އަދި އެމީހަކު މަހުޝަރު ކުރެވޭ ހުށީ އެމީހަކު މަރުވި ގޮތެއްގެ މަތީގައެވެ.

ޝަހާދަތުގެ ދެކަލިމަ ނުކިޔާ އުޅުނުމީހެއްގެ ފަހު ބަހަކަށް ޝަހާދަތުގެ ދެކަލިމަ ވުމަކީ ވާނޭ ކަމެއް ނޫނެވެ. އެމީހެއްގެ ފަހު ބަހަކަށް ޝަހާދަތުގެ ދެކަލިމަ ހެދުމަކީ ''ހިލޭ'' ކުރެވޭ ކަމެއް ނޫނެވެ. އެއީ އެކަމަށް އެދޭ ނަމަ އަހަރެމެންގެ ޙަޔާތުގައި އަގު ދައްކަން ޖެހޭ ކަމެކެވެ. އެއަގަކީ ފަރުޟުތަކަށް ރައްކާތެރިވުމެވެ. ﷲއަށް ކިޔަމަންތެރިވުމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!