މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ވަގުތީ ނައިބު ރައީސްގެ މަޤާމަށް އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގެންވާ ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ކުރިމަތި ލައްވައިފިއެވެ.
(އެމްއެންޕީ) އުފެއްދުމުގެ ޖަލްސާ އަންނަ ހުކުރުދުވަހު ދުވަހު އޮންނައިރު، އެ ޖަލްސާގައި ޕާޓީގެ އިންޓަރިމް އެގްޒެކެޓިވް ކައުންސިލަށް މެންބަރުން ހޮވާނެއެވެ. އެމްއެންޕީގެ ކައުންސިލަށް 21 މެމްބަރުން ހޮވާއިރު މީގެ ތެރެއިން 7 ގޮނޑިއަކީ އަންހެނުންނަށް ޚާއްސަ ގޮނޑިއެވެ.
ކައުންސިލްގެ މެންބަރުންގެ ތެރޭގައި ޕާޓީގެ ރައީސާއި ހަ ނައިބުން ހިމެނެއެވެ. ހަ ނައިބުން ކަނޑައަޅާ ގޮތަށް އޮތީ އަތޮޅުތައް ބަހައިލައި ހަ ސަރަހައްދަކުންނެވެ. ރިޔާޒް ނައިބަކަށް ކުރިމަތި ލައްވައިފައި ވަނީ މެދުދެކުނު ދާއިރާއިންނެވެ.
މަޤާމުތަކަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދު ހަމަވާނެއެވެ. ހުކުރު ދުވަހު އޮންނަ ޖަލްސާގައި ޒުވާނުންނާއި އަންހެނުން ގޮފީގެ ރައީސުން ވެސް ހޮވާނެއެވެ.
އެމްއެންޕީ އުފައްދަން ދިން ތާރީޚުގައި އެ ޕާޓީން ވަނީ ރިކޯޑް ނަންބަރެއްގެ މެންބަރުންނާ އެކު ޕާޓީ އުފައްދަން އިލެކްޝަނަށް ހުށަހަޅައިފައެވެ. އެ ޕާޓީން މިހާރު އަމާޒު ހިފައިފައިހުރީ ކައިރި މުސްތަޤްބަލެއްގައި އެޕާޓީއަށް 10،000 މެންބަރުން ހަމަކުރުމަށެވެ.