މުނިފޫހިފިލުވުން

ދަރިފުޅު ހައްޔަރު ކުރުމާ ގުޅިގެން ޝާހްރުކްގެ އެންމެ ބޮޑު އެއް ހިތްވަރަކަށްވީ ސަލްމާން

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ މުޅި ބޮލީވުޑަށް ސިހުމެއް ލިބިގެން ދިޔައީ، ސުޕާސްޓާ ޝާހްރުކް ޚާންގެ ދޮށީ ދަރި އާރްޔަން ޚާން، މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރުމުންނެވެ.

Ads by MWSC

ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ)އިން އާރްޔަން ހައްޔަރު ކުރީ، ލަގްޒަރީ ކްރޫޒްލައިނަރެއްގެ ތެރޭގައި ބޭއްވި ޕާޓީއެއް ރެއިޑް، އެ ޕާޓީ ތެރެއިން ފެނުން މަސްތުވާތަކެއްޗާ ގުޅިގެންނެވެ. އާރްޔަންގެ މައްޗަށް ތުހުމަތު ކޮށްފައި ވަނީ، މަސްތުވާތަކެތި ބޭނުން ކުރި ކަމަށާއި ވިއްކި ކަމުގެ ތުހުމަތެވެ.

އާރްޔަން ހައްޔަރު ކުރުމާ ގުޅިގެން، ކަފާލާތުގެ ދަށުން އޭނާ މިނިވަން ކުރެވޭތޯ ބަލަން އޭނާގެ މަންމަ ގޯރީ ޚާން އިއްޔެ ވަނީ ކޯޓަށް ގޮސްފައެވެ. ނަމަވެސް ހައްޔަރު ކުރިތާ 24 ގަޑިއިރު ނުވަނީސް ކަފާލާތަށް ނުއެދެވޭނެ ކަމަށް ކޯޓުން ގޯރީއަށް އެންގި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ދަރިފުޅު ޖަލުން ސަލާމަތް ކުރެވޭތޯ ޝާހްރުކް ޚާން ވެސް ގެންދިޔައީ އެންސީބީއަށް ގުޅައިގެން ވަރަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި، ޝާހްރުކްގެ އެ ހިތާމައިގައި ބައިވެރިވެ ހިތްވަރު ދޭން، ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް އެކްޓަރު ސަލްމާން ޚާން، ރޭގެ ވަގުތެއްގައި ވަނީ ޝާހްރުކްގެ ގެއަށް ޒިޔާރަތް ކޮށްފައެވެ.

ސަލްމާންއާއި ޝާހްރުކްގެ ޒަމާންވީ އެކުވެރިކަމަކީ އެތައް ބަޔަކު އަބަދުވެސް މިސާލުނަގާ އެކުވެރިކަމެކެވެ. އެހެންކަމުން ރޭ ޝާހްރުކްގެ ގެއަށް ސަލްމާން ދިޔުމުން ވެސް އެތައް ބަޔަކު ވަނީ އޭނާއަށް ތައުރީފު ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!