ރައީސް ޔާމީނަށް މި ވަގުތު ކަފާލާތު މުހިންމެއް ނޫން: ޑރ. ޖަމީލު
ކުރީގެ ރައީސް ، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިވަގުތު ކަފާލާތު މުހިންމު ނޫން ކަމަށް އެ މަނިކުފާނުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސްކަން ވެސް ކުރައްވައިފައިވާ ޑރ. ޖަމީލު މިހެން ވިދާޅުވީ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދާތީ ރައީސް ޔާމީން ކަފާލާތު ދަށުން ދޫކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ނިންމުމާ ގުޅިގެންނެވެ.
އެގޮތުން ޑރ. ޖަމީލު ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް މަނީލޯންޑަރިންގެ ދައުވާ ކުރުމަކީ ދިވެހި ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވައިލަން ކުރި ކަމެއް ކަމަށާއި އެމަނިކުފާނުގެ މައްޗަށް ދައުވާ އުފުލި މައްސަލައިގައި ހިމެނޭ ފައިސާއަކީ މިހާރު ވެސް ފެންނަން ހުރި އަދި ދައުލަތުން ބޭނުންވެއްޖެ ހިނދެއްގައި ނެގޭ ގޮތަށް ހުރި ފައިސާ ކަމަށާ މިފަދަ ހާލަތެއްގައި އެމަނިކުފާނުގެ މައްޗަށް އެ ދައުވާ ނުކުރެވޭނެ ކަމަށެވެ. އަދި ދައުލަތުން މިއަދު އަމަލު ކުރި ގޮތުން ވެސް މި މައްސަލައިގައި އޮޅުވައިލުން ހުރި މިންވަރު ހާމަވާ ކަމަށް ވެސް ޑރ. ޖަމީލު ވިދާޅުވިއެވެ.
"މިއަދުގެ އެންމެ ފަހު ވަގުތުގަ ވެސް ދައުލަތުގެ ސްޓޭންޑް ބަދަލުވެގެން ހިނގައްޖެ. ކުއްލިއަކަށް މިއަދު ވިދާޅުވެއްޖެ ރައީސް ޔާމީންގެ އެކައުންޓަށް ވަނީ ސީދާ ވޮޑަމުއްލާގެ ފައިސާ ކަމަށް. މިއީ މިއަދާ ހަމައަށް ދައުލަތުން ދެއްކި ވާހަކައެއް ނޫން." ޑރ. ޖަމީލު ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރު ކަމަށްވާ ރައީސް ޔާމީނަށް މިވަގުތު ކަފާލާތު މުހިންމު ނޫން ކަމަށް ވިދާޅުވަމުން ޑރ. ޖަމީލު ވިދާޅުވީ ކަފާލާތުގެ އުސޫލަކީ މަތީ މަރުހަލާއިން ހުކުމް ބަދަލުވާނެ ހާލަތެއް ނެތްކަން ނުވަތަ އޮތްކަން ކަށަވަރު ކުރުމަށް އޮންނަ އުސޫލެއް ކަމަށެވެ.