މޮނީޓަރިންގައި އޮތް މާއެނބޫދޫގެ ހާލަތު ގޯސް: އެމްބިއުލޭންސް ހަލާކުވެ ސިއްޙީ ހިދުމަތްތެރިން ރަށު ޕިކަޕުގައި
ކޮވިޑް-19ގެ ހާލަތާ ގުޅިގެން މޮނީޓަރިންއަށް ލައިފައި އޮތް ދ. މާއެނބޫދޫގައި އޮތް ދެ އެމްބިއުލާންސް ވެސް ހަލާކުވެ ދަތިތަކަކާ ކުރިމަތިވެއްޖެއެވެ.
މާއެނބޫދޫން ކޮވިޑު ވޭދަނަތަކެއް ފެނި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައި ވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުއެވެ.
އެނގިފައިވާ ގޮތުގައި އެ ރަށުގެ ކޮވިޑް ހާލަތު ގޯސްވެ، އެމްބިއުލާންސްތައް ހަލާކުވުމުން ވަރަށް ބޮޑު ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ސުންކު ނެގުމަށް ސިއްހީ ހިދުމަތްތެރީން ދާން ޖެހެނީ ރަށު ޕިކަޕުގައި ކަމަށާއި މިއީ ފަސޭހަ އަދި ރައްކާތެރި ގޮތެއް ނޫން ކަމަށް އޮންލައިން ނޫހަކަށް މައުލޫމާތު ދެއްވަމުން މާއެނބޫދޫ ކައުންސިލްގެ ރައީސް ޔޫސުފް ސައީދު ވިދާޅުވިއެވެ.
ޔޫސުފް ވިދާޅުވީ މާއެނބޫދޫން މި ވަގުތު ކޮވިޑަށް 13 މީހަކު ފައްސި ވެފައިވާ ކަމަށާއި އަދި 60 މީހަކު ކަރަންޓީނުގައި އެބަ ތިބި ކަމަށެވެ.
ފައްސި ވެފައިވާ މީހުންނާއި ކަރަންޓީނުގައި ތިބި މީހުންގެ ހާލު މިވަގުތު ރަނގަޅު ނަމަވެސް ހާލު ދެރަވެ ފަރުވާއަށް ސިއްހީ މަރުކަޒަށް ގެންދަން ޖެހިއްޖެ ހާލަތެއްގައި ބަލި މީހާ އުފުލާނެ އެމްބިއުލާންސެއް ވެސް ނެތް ކަމަށް ޔޫސުފް ވިދާޅުވިއެވެ.
"އަދި އިރާދަކުރެއްވިއްޔާ އެއްވެސް މީހެއްގެ ހާލު ދެރައެއް ނުވޭ. އެކަމަކު ކޮވިޑު ނޫން ކަމެއްގަ ވެސް މީހެއްގެ ހާލު ދެރަ ވެދާނެ. އެ ހާލަތުގައި ވެސް ބޭނުން ކުރާނެ އެމްބިއުލާންސެއް ނެތް. ދެ އެމްބިއުލާންސް މިރަށުގަ އޮވޭ. އެކަމަކު އެ ދޭތި ވެސް މިއޮތީ ބޭނުން ކުރެވޭ ހާލަތަކު ނޫން. އެހެންވީމަ އަޅުގަނޑުމެންނަށް މި ދަނޑިވަޅުގަ އެމްބިއުލާންސްގެ ހިދުމަތް ވަރަށް ވެސް މުހިންމު." މާއެނބޫދޫ ކައުންސިލު ރައީސް ވިދާޅުވިއެވެ.
އެ ރަށު ކައުންސިލު ރައީސް އިތުރަށް ވިދާޅުވީ އެމްބިއުލާންސަށް މައްސަލައެއް ދިމާވިޔަސް އެ މަރާމާތުކޮށް ބޭނުން ކުރެވޭނެ ހާލަތަށް ގެންނާނެ ވަރުގެ ބަޖެޓެއް ސިއްހީ މަރުކަޒަށް ދީފައި ނޯންނަ ކަމަށެވެ. އެހެން ކަމުން މި މައްސަލަ ސީރިއަސް ކަމެއްގެ ގޮތުގައި ބައްލަވައި ވީ އެންމެ އަވަހަކަށް ހައްލު ވުމަކީ ރަށް މިހާރު އޮތް ހާލަތަށް ބަލާ އިރު ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް ވިދާޅުވިއެވެ.