އދ. އިސްލާހު ކުރުމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް ހޮވޭ ރައީސެއްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން: ޑރ. ދީދީ
އދ. އިސްލާހު ކުރުމަކީ އެއް އަހަރުދުވަހުގެ މުއްދަތަށް ހޮވޭ ރައީސެއްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ކުރީގެ އުއްތަަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.
ޑރ. ދީދީ މިފަދައިން ވިދާޅުވެފައި ވަނީ އދ. އިސްލާހު ކުރުމުގެ މަސައްކަތް، އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކޮށްދެއްވުމަށް ރައީސް ސޯލިހު އެދިވަޑައިގަތުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ޑރ. ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދިވެހި ދައުލަތުން އދ. އިޞްލާޙު ކުރަން އެދުމަކީ އޭގެ ޒާތުގައި މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް އެނގެން ޖެހޭ ޙަޤީޤަތަކީ އެއީ އެއް އަހަރުދުވަހުގެ މުއްދަތަށް ހޮވޭ ރައީސެއްގެ ބާރުގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އދ ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން މިނިސްޓަރު ޝާހިދު ރާއްޖެ ވަޑައިގަތުމުން އިއްޔެ ބޭއްވި ދެ ބޭފުޅުންގެ ޖޮއިންޓް ޕްރެސް ސްޓޭޓެމެންޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލުތަކާ އެއްގޮތަށް އދ.ގެ އެކިއެކި މުއައްސަސާތަކުގެ މަސައްކަތްތައް އިސްލާހު ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށެވެ.