ބޮލީވުޑް މުނިފޫހިފިލުވުން

ބްރޭންޑުތަކުން ޝާހުއަށް އިޝްތިހާރު ދިނުން މަޑުޖައްސައިލައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބޮލީވުޑް ތަރި ޝާހުރުކް ހާން

ބޮލީވުޑް ސުޕަސްޓާ ޝާހުރުކް ހާން އެމްބެސެޑަރުކަން ކުރަމުންދާ ބައެއް ބްރޭންޑުތަކުން އޭނާ ލައްވައި އިޝްތިހާރު ކުޅުވުން މަޑުޖައްސައިލައިފިއެވެ.

Ads by MWSC

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޝާހު އެމްބެސެޑަރުކަން ކުރަމުންދާ ޓީޗިންގް އެޕްލިކޭޝަނެއް ކަމަށްވާ ބައިޖޫއިން އޭނާ ލައްވައި ކުޅުވަން ހަމަޖެހިފައިވާ އިޝްތިހާރު ޝޫޓުކުރުން ވަނީ ވަގުތީ ގޮތުން މަޑުޖައްސައިލައިފައެވެ. އެގޮތަށް ނިންމީ ޝާހުގެ ދޮށީ ދަރިފުޅު އާރްޔާން ހާން ޑްރަގުގެ މައްސަލައެއް ފެންމަތިވެފައިވާތީކަމަށް ރިޕޯޓުތައް ބުނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބައިޖޫ އެޕްލިކޭޝަން ހިންގާ އެޑްޓެކް ކޮމްޕެނީން ވަނީ ޝާހުއާއެކު އެކަމަށް ހައްދައިފައިވާ އެޕޮއިންޓްމެންޓު ކެންސަލްކޮށްފައެވެ. ޝާހުގެ ބައެއް އިޝްތިހާރުތައް މިވަގުތަށް މަޑުޖައްސައިލަން އެހެން ބައެއް ބްރޭންޑުތަކުން ވެސް ނިންމައިފައިވާކަމަށް މައުލޫމާތު ލިބޭއިރު ސޯޝަލް މީޑިއާގައި ދަނީ ޝާހު ބޮއިކޮޓް ކުރުމަށް ގޮވައިލަމުންނެވެ.

ޝާހުއަކީ އިންޑިއާގެ އިތުރުން ދުނިޔޭގެ ބައެއް ބޮޑެތި ބްރޭންޑުތަކުގެ އެމްބެސެޑަރުކަން ކުރަމުންދާ ފަންނާނެކެވެ. އެގޮތުން ދުބާއީ ޓުއަރިޒަމް، އައިއައިސީ ބޭންކް، ހިޔުންޑާއީ، އެލްޖީ، ރިލަޔަންސް ޖިއޯ ފަދަ ބޮޑެތި ބްރޭންޑުތަކުގެ އެމްބެސެޑަރުކަން އޭނާ ގެންދަނީ ކުރަމުންނެވެ.

އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ބައިޖޫއަކީ ޝާހުއަށް އެންމެ ބޮޑު އުޖޫރައެއްދޭ ބްރޭންޑެވެ. އެގޮތުން އަހަރަކު ގާތްގަނޑަކަށް 3 ނުވަތަ 4 ކްރޯރް ރުޕީސް އެ ބްރޭންޑުން އެކަނި ޝާހުއަށް ދޭކަމަށް ވެއެވެ.

ޝާހުއަކީ އިންޑިއާގެ ތަރިންގެ ތެރެއިން ހަތަރުވަނައަށް އެންމެ ގިނަ ބްރޭންޑުތައް އެންޑޯޒްކޮށްފައިވާ ފަންނާނެވެ. އެއްވެސް ބްރޭންޑަކުން ޝާހުގެ އެންޑޯޒްމެންޓު ބާތިލްކޮށްފައިވާކަން އަދި މުޅިން ކަށަވަރެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!