ލައިފްސްޓައިލް

ނާކާމިޔާބީއާ ކުރިމަތިލާން ޖެހިި މާޔޫސްވޭތަ؟ މިގޮތަށް ވިސްނުން ބަދަލުކޮށްލާ!

ދެން އެމްވީ ، ދެން އޮންލައިން

ދިރިއުޅުމުގައި އެއްވެސް މީހަކީ ނާކާމިޔާބީއާ ކުރިމަތި ލާން ނުޖެހޭ މީހެކޭ ބުނެފިނަމަ އެވާނީ ދޮގަކަށެވެ. ކޮންމެ މީހަކު ވެސް ހާސިލު ކުރަން ބޭނުންވި ކަމެއް ހާސިލުނުވެ ދިރިއުޅުމުގެ ކޮންމެވެސް ހިސާބަކުން ނާކާމިޔާބީއާ ކުރިމަތި ލާންޖެހިފައި ހުންނާނެއެވެ. ނާކާމިޔާބީއާ ކުރިމަތިވާ ފަހަރުތަކުގައި ދުނިޔެއާއި ދިރިއުޅުން މަތިން ފޫހިވުމަކީ އާއްމުކޮށް ދިމާވާ ކަމެކެވެ.

Ads by MWSC

ނާކާމިޔާބީއަކާ ކުރިމަތި ލާން ޖެހުމުން އެހާ ދެރަވެފައި އުންމީދު ކަނޑައިލަނީ ކީއްވެގެންތޯއެެވެ؟ ދިރިއުޅުމުގައި ދިމާވާ ނާކާމިޔާބީތަކުން ފިލާވަޅު ނަގައިގެން، ދެވަނަ ފަހަރަށް އެކަމެއް ކުރާ ނަމަ އިތުރަށް ފުރިހަމައަށް އެކަން ކުރުމަށް އަޒުމު ކަނޑަނާޅަނީ ކީއްވެގެންތޯއެވެ؟ އަޅުގަނޑުމެން ކުޑައިރު، ތައުލީމް ހާސިލުކުރި ދުވަސްވަރު ސުކޫލުގައި ވެސް ވަރަށް ގިނަ ކަންތައްތަކުގައި ނާކާމިޔާބީއާ ކުރިމަތި ލާންޖެހިފައި ހުންނާނެ ކަމާ މެދު ޝައްކެއްނެތެވެ. ސުކޫލުގައި ބޭއްވި އިމްތިހާނަކުން ފެއިލްވެގެން، މައިންބަފައިން ދެރަވާނެވަރު ވިސްނާ އަމިއްލަ ނަފްސު ކިތަންމެ ފަހަރަކު ކުށްވެރި ކުރެވިފައި ހުންނާނެއެވެ.

ނާކާމިޔާބީއާ ކުރިމަތި ވުމުން، އަމިއްލަ މީހާއަކީ، އެއްވެސް ކަމެއް ކުރަން ނޭނގޭ ބޮޑު މޮޔައެއް ކަމަށް ދުށުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ނުވަތަ ތިބާއަކީ އެއްވެސް ބޭނުންތެރި މީހެއް ނޫން ކަމަށް ދުށުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ދިރިއުޅުމުގައި ވަރަށް ގިނައިން، އަޅުގަނޑުމެންގެ ޓީޗަރުންގެ ފަރާތުން ނުވަތަ އެކުވެރިންގެ ފަރާތުން ވަރަށް ދެރަވާ ފަދަ ބަސްތަކާ ކުރިމަތިލާން ޖެހޭނެއެވެ. ހުރިހާ އުންމީދެއް ގެއްލި ހިތް މަރާލާ ފަދަ ވާހަކަތައް އަޑުއަހަން ޖެހޭނެއެވެ. ޅަ އުމުރުގައި ނާކާމިޔާބީތަކާ ކުރިމަތިލާން ޖެހުމަކީ، ފަހުން އޭގެ ނޭދެވޭ އަސަރު ދިރިއުޅުމަށް ކުރާނެ ކަމެކެވެ.

ޝައްކެއްނެތް ގޮތުގައި، އެކި އުމުރުތަކުގައި ކުރިމަތިލާން ޖެހޭ ކަންކަން ވެސް ތަފާތުވެއެވެ. ބޮޑުވަމުން ދާވަރަކަށް، ކުރިމަތި ލާންޖެހޭ ކަންތައްތައް ވެސް ބޮޑުވާނެއެވެ. އަދި މީހާ ބޮޑުވެ ރަނގަޅަށް ވިސްނެން ފެށީމައި، ކަންކަމާ ކުރިމަތިލާ ގޮތްވެސް ތަފާތުވާން ފަށާނެއެވެ.

ދިރިއުޅުމުގެ އެކި ހިސާބުތަކުގައި ނާކާމިޔާބީއާ ކުރިމަތި ލާންޖެހޭނެއެވެ. ފަހަރެއްގައި ބޭނުންވި ވަޒީފާއެއް ނުލިބިދާނެއެވެ. ނުވަތަ ކިޔަވަން އެންމެ ބޭނުންވި ޔުނިވަސިޓީން ކިޔެވުމުގެ ފުރުސަތު ވެސް ނުލިބިދާނެއެވެ. މިކަހަލަ ކަންކަން ދިމާވުމުން އަޅުގަނޑުމެން ބިރު ގަންނަނީ، ގާތް ދަންނަ މީހުންގެ މަލާމާތާ ކުރިމަތި ލާންޖެހިދާނެތީއެވެ. ނުވަތަ ކެރިއަރ ފެށުމުގެ ކުރިން ނާކާމިޔާބު ވެދާނެތީއެވެ.

ނަމަވެސް އަބަދުވެސް ހަނދާން ކުރަންވީ ދިރިއުޅުމުގައި ދުވަސްތައް ހޭދަ ކުރަމުންދާއިރު ނާކާމިޔާބީއާ ވެސް ކުރިމަތި ލާންޖެހޭނެ ކަމެވެ. ތިމާ ބޭނުންވާ ގޮތަކަށް ކަމެއް ނުވުމުގެ މާނައަކީ ދެން މުޅި ދިރިއުޅުން އެހިސާބުން ނިމުމެއް ނޫނެވެ. ވެއްޓިއްޖެނަމަ ދެވަނަ ފަހަރަށް ތެދުވަން ވީ އެއަށްވުރެ ވެސް ބަލައިގެން ބާރަށެވެ. ނާކާމިޔާބީއަކާ ކުރިމަތި ވުމުން އެކަން ގަބޫލުކުރަން ދަސްކުރާށެވެ. ސަބަބަކީ ނާކާމިޔާބީއަކީ ކާމިޔާބީގެ ފެށުމެވެ.

ކަމަކުން ނާކާމިޔާބު ވެއްޖެނަމަ ހިތުގައި އުފެދޭ ޖަޒްބާތުތަކަށް ހަގީގަތުގައި ވަރަށް އަސަރު ކުރާނެއެވެ. މީހާ ވަރަށް ދެރަވެ މާޔޫސްވާނެއެވެ. ނާކާމިޔާބީއަކާ ކުރިމަތި ވެގެން، މުޅި ދުނިޔެ ތިބާއަށް ނިމުނީ ކަމުގެ ވިސްނުން އައި ނަމަވެސް ހިތަށް އަރުވަންވީ، ކޮންމެ ކަމެއްވެސް ވާނީ އެންމެ ރަނގަޅަށް ކަމަށެވެ. އެއްވެސް މީހަކަށް މާތް ﷲ ދެރަގޮތެއް މިންވަރު ނުކުރައްވާނެކަން އަބަދުވެސް ހަނދުމަ ކުރާށެވެ.

ހިތުގައި އުފެދޭ ޖަޒްބާތުތަކުގެ އޮއިގައި ޖެހިގެން، މާޔޫސީކަމުގެ ތެރޭގައި ދިރިއުޅުމުގައި ބާކީ އޮތް ދުވަސްތައް ދުއްވާނުލާށެވެ. ހިތްވަރާއެކު ދެވަނަ ފަހަރަށް ވެސް މަަސައްކަތް ކުރާށެވެ. އުންމީދު ކަނޑައިނުލާށެވެ.

އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫން ނަމަވެސް ކޮންމެ މީހެއްގެ ވެސް ރަނގަޅު ކަންތައްތަކެއް ހުންނާނެއެވެ. އަދި ކޮންމެ މީހަކީ ވެސް ތަފާތު ގޮތްތަކެއް ހުންނަ މީހެކެވެ. އެހެންކަމުން، އެހެން މީހަކު އުޅޭ ގޮތަކަށް ބަލައިގެން، އެގޮތަށް އުޅެން މަސައްކަތް ނުކުރާށެވެ. ތިބާ ތިބާގެ ގޮތުގައި، ހުރެގެން ކުރިއަށް ދިއުމަށް މަަސައްކަތް ކުރާށެވެ. އެހެން މީހަކު އުޅޭ ގޮތް ނަކަލު ނުކުރާށެވެ. އެހެން މީހުންނަށްވުރެ އަމިއްލަ ނަފްސު ދެރަވެސް ނުކޮށްލާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކުރާށެވެ. ނާކާމިޔާބީއަކީ ވެސް ތިބާއަށް ލިބޭ ކާމިޔާބީއަކަށް ހަދާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!