ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އިގްތިސޯދީ ސިޔާސަތުތަކަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައި މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން ދައުލަތުގެ އާމްދަނީ އެކުގައިހެން ހުއްޓި ދިޔުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި އުނދަގޫތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އެހެން ނަމަވެސް ސަރުކާރުން ގެންދެވީ ހުއްޓުމެއް ނެތި އޮމާންކަމާ އެކީގައި މަސައްކަތްތައް ކުރިއަށް ގެންދަވަމުންކަން ނަޝީދު ފާހަގަކުރެއްވިއެވެ.
"ހާއްސަގޮތެއްގައި މުވައްޒަފުން މަދުކުރުމުގެ އެއްވެސް ވިސްނުމެއް ނުގެންގުޅުއްވި. އަދި ހަމަ ސިވިލް ސާވިސްއަކަށް ވެސް އެއްވެސް ބަދަލެއް ނުގެންނެވި. ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވެސް އެއްވެސް ބަދަލެއް ނުގެންނެވި" ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސަރުކާރުން ގެންގުޅުއްވި ސިޔާސަތުތަކަށް ތައުރީފު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އިޖުތިމާއީ ރައްކާތެރިކަމުގެ މަސައްކަތްތަކުގައި ވެސް އެއްވެސް ބަދަލެއްނެތި ހިދުމަތްތައް ދެމުން ގެންދިޔަކަމަށް ނަޝީދު ވިދާޅުވިއެވެ. މިމަސައްކަތަށް ޓަކައި ރައީސް ނަޝީދު ވަނީ ރައީސް ޞާލިޙަށާއި ސަރުކާރަށް މަރުހަބާ ދަންނަވައިފައެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހުން ކުރި މަސައްކަތްތައް ވެސް ފާހަގަކުރައްވައިފައެވެ. އެގޮތުން ވިދާޅުވީ ސަރުކާރުގެ ރިއަލްއެސްޓޭޓް ޕްރޮގުރާމުގެ ތެރެއިން އާމްދަނީ އިތުރުކުރުމުގެ މަސައްކަތާއި ފަތުރުވެރިންގެ ސެކަންޑް ހޯމްގެ ގޮތުގައި ރާއްޖެ ބޭނުންކުރުމުގެ މަސައްކަތް ގާނޫނުން ފަހިކޮށްދެވިފައިވާ ކަމަށެވެ.
"އަންދާޒާއަކީ އެޕްރޮގުރާމުގެ ތެރެއިން 4.5 ބިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެއް މިއަހަރު ނިމުމުގެ ކުރިން ސަރުކާރަށް ހޯދުން. އެހެން ނަމަވެސް އަދި މުޅިއަކުންނެއް އެ އަމާޒެއް ހާސިލެއް ނުވޭ. އިތުރަށް ކުރާން ހުރި މަސައްކަތް އެބަހުރި" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން އެކުލަވައިލި ގާނޫނުތަކަށް ބޭނުންވާ ގަވާއިދުތައް ޓޫރިޒަމް މިނިސްޓްރީން ވެސް ހަދާފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރާއި ރައްޔިތުންގެ މަޖިލިސް ގުޅިގެން ކޮވިޑަށް ފަހު ރާއްޖޭގެ ޓޫރިޒަމް އެންމެ އުހަށް ގެންދެވުނުކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ ޓޫރިޒަމަށް ރާއްޖެ ހުޅުވައި ނުލައި ކުރިއަށްދާން ޖެހުނު ނަމަ އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ލިބޭނެ ގޮތް ނުވީސް ކަމަށެވެ. ނަޝީދު ވަނީ ސަރުކާރުން ދައްކަމުންދާ ލޯނުތަކުގެ ވާހަކަވެސް ވިދާޅުވެފައެވެ. އެގޮތުން އެންމެ ބޮޑު އަދަދެއްގެ ފައިސާ އަނބުރާ ދައްކަން ޖެހިފައި ވަނީ ޗައިނާއަށް ކަމަށާއި އެއިދާރާތަކަށް ފައިސާ ދެއްކުމުގައި ކުޑަ ދުވަސްކޮޅަކަށް ލުއި ލިބުނު ނަމަވެސް އެ ލޯނުތަކުގެ ރީސްޓްރަކްޗަރިންއެއް ނެތްކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑު އަދިވެސް ދަންނަވާނީ ލޯނުތައް ރީސްޓްރަކްޗާ ކުރުމަކީ ވަރަށް މުހިންމުކަމެއްގެ ގޮތުގައި" ޗައިނާ ލޯނުތައް ސަރުކާރަށް ބުރަވެފައިވާ ވާހަކަ ތަކުރާރު ކުރައްވަމުން ނަޝީދު ވިދާޅުވިއެވެ.
ތިޔައީ އެއްގަލުން ފެހަކާ ދެރޮނޑު އެހެންވީމާ މަށެއް ހައިރާނެއްނުވޭ
އެސިޔާސަތުއޮތީ ބޮއްސުންލާފަ
ތިމީހުން ފައިބާދުވަހަކުން އިންޑިއާ މިތަންހިފާނެ ކިހާމޮޅުދޯ ރައްޔިތުންނަށް އޮޅުވާލެވިދާނެ …. ވިސްނާބަޔަކަށް އެނގޭނެ ވާނުވާ.