އާ ހިތްވަރަކާ އެކު ޤައުމީ ޓީމު އަލުން ނިކުންނާނެ: ރައީސް ނަޝީދު

ސާފް ޗެންޕިއަންޝިޕްގައި އިންޑިއާތުން ރާއްޖެ ބަލިވެ، މުބާރާތުން ވަކިވި ނަމަވެސް އާ ހިތްވަރަކާ އެކު ޤައުމީ ޓީމު އަލުން ނިކުނާނެކަމީ ކަށަވަރުވާ ކަމެއްކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރޭގެ މެޗަށް ފަހު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނާކާމިޔާބީގައި ހިތްވަރު ގަދަ ކުރަންޖެހޭ ކަމަށެވެ. އަދި ﷲގެ އިރާދަފުޅުން ޤައުމީ ޓީމު އަލުން އެނބުރި ހިތްވަރާ އެކު އައިސް ކާމިޔާބު ހޯދާނެކަމީ ޝައްކު އުފެދޭ ކަމެއް ނޫންކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މަހުގެ 1ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހަށް ކުރިޔަށްދާ މި މުބާރާތުގައި ރޭ ކުޅުނު މެޗަކީ މި މުބާރާތުގެ ދިހަވަނަ މެޗެވެ. އެ މެޗުގައި 3 ލަނޑު 1 ލަނޑުން ކުރިހޯދައި މެޗް ކާމިޔާބުކުރީ އިންޑިއާގެ ޓީމެވެ. މި ނަތީޖާއާއެކު އިންޑިއާގެ ޓީމު ވަނީ މުބާރާތުގެ ފައިނަލަށް ގޮސްފައެވެ.
މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ. ރޭގެ މެޗުގައި ނާކާމިޔާބުވި ނަމަވެސް އާންމުން ދަނީ ޓީމަށް ހިތްވަރުދީ ޝުޢޫރު ފާޅުކުރަމުންނެވެ.