އިސްރާއިލުން ސީރިއާއަށް ވައިގެ ހަމަލާތަކެއް ދީފި

އިސްރާއީލުން ސީރިއާއަށް ދިން ވައިގެ ހަމަލާއެއްގައި ސީރިޔާ ސިފައިންގެ އޮފިޝަލަކާ ސީރިޔާގައި ހަރަކާތްތެރިވާ އީރާނު ސިފައިންގެ 3 މީހަކު މަރައިލައިފިއެވެ.
ސީރިއާގެ ނޫހެއްކަމުގައިވާ ސަނާއިން ބުނެފައިވާ ގޮތުގައި އިއްޔެ ދިން މިހަމަލާ ދީފައި ވަނީ ސީރިއާގެ ޕަލްމައިރާ ސިޓީގެ ހޮމްސް ޕްރޮވިންސްއާ ގާތަށެވެ. އަދި މިހަމަލާ އަމާޒުކޮށްފައި ވަނީ ޕަލްމައިރާގެ ކޮމިއުނިކޭޝަން ޓަވަރަކަށެވެ.
ސީރިއަން އޮބްޒަވޭޓްރީ ފޯ ހިޔުމަން ރައިޓްސްގެ ޔޫކޭ ބޭސްޑް މޮނިޓަރ ވިދާޅުވިގޮތުގައި މިހަމަލާގެ އަމާޒަކީ އީރާނުގެ އޮފިޝަލުންނާއި އެސަރަހައްދުގެ ކޮމިއުނިކޭޝަން ޓަވަރަށެވެ. އަދި އިސްރާއީލުގެ ފައިޓަރ ޖެޓުތައް އިރާގާއި ސީރިއާއަދި ޖޯޑަންގެ ބޯޑަރު ސަރަހައްދުގައި ދަނީ ހަރަކާތްތެރިވަމުންނެވެ.
ރިޕޯޓްތައް ބުނާގޮތުގައި އިސްރާއިލުން ސީރިއާއަށް ފޮނުވައިލި މިސައިލް ހަމަލާތަކެއް ސީރިއާ ސިފައިން ވަނީ ވައްޓައިލައިފައެވެ. އެހެން ނަމަވެސް މީގެ ތެރެއިން ބައެއް ހަމަލާތަކުގައި 7 މީހަކު ޒަހަމް ވެފައިވާކަމަށް ވެސް ސީރިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފަައިވެއެވެ. މި ހަމަލާތަކުގައި ޒަހަމްވެފައި ވަނީ އޮފިޝަލުން ކަމެއް ނުވަތަ އާއްމުންކަމެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައެއް ނުވެއެވެ.
2011 ވަނަ އަހަރުން ފެށިގެން ސީރިއާގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގައި މުޅި ސީރިއާ އެކީހެން ވީރާނާވެފައިވާއިރު އިސްރާއީލުން ދޭތެރެ ދޭތެރެއިން ސީރިއާއަށް ދަނީ ހަމަލާ ދެމުންނެވެ. އެހެން ނަމަވެސް ސީރިއާއިން އިސްރާއީލަށް މާބޮޑެތި ރައްދު ހަމަލާތަކެއް ދީފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.