ލައިފްސްޓައިލް ސިއްޙަތު

ދިފާއީ ނިޒާމު ވަރުގަދަކުރަން ރަނގަޅު އާދަތަކެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދިފާއީ ނިޒާމު ވަރުގަދަކުރަން ދުވަހުގެ ކެއުމުގައި މޭވާއާ ތަރުކާރީ ހިމެނުން މުހިންމު

ކޮވިޑް-19 ވެގެން ގޮސްފައި ވަނީ ވޭތުވެ ދިޔަ ދެ އަހަރު ދުވަހު މުޅި ދުނިޔެއަށް ދިމާވެފައިވި ބޮޑު މުސީބާތަކަށެވެ. މިފަހުން އައިސް ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ކޮވިޑަކީ އިންސާނުންގެ ދިފާއީ ނިޒާމަށް ހަމަލާދޭ ބައްޔެއްކަމުން ދިފާއީ ނިޒާމު ވަރުގަދަކުރުމަށް އާންމު ދިރިއުޅުމުގައި އާދަތަކެއް އަށަގެންނުވުން މުހިންމެވެ.

އޭޝިއަން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސްގެ ހޯމްކެއާ ހެޑް އަދި އިންފެކްޝަސް ބަލިތަކުގެ ތަޖުރިބާކާރު ޑރ. ޗަރޫ ދަތު އަރޯރާ ވިދާޅުވަނީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި އެޅުން މުހިންމު ބައެއް ފިޔަވަޅުތައް ގިނަ މީހުން ދަންނާނެ ކަމަށެވެ. އެގޮތުން ގައިދުރުކުރުމާއި އަތުގެ ސާފުތާހިރުކަމުގެ އިތުރުން މާސްކު އެޅުން ފަދަ މުހިންމު ކަންކަން މިހާރުވެސް ޕްރެކްޓިސް ކުރަމުން ދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވިޑުގެ ސަބަބުން ދިފާއީ ނިޒާމު ބަލިކަށި ފަރާތްތަކުގެ ހާލަތު ސީރިއަސްވެއެވެ. އޭގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ޑައިބެޓީކްސް، ހައިޕަ ޓެންޝަން އަދި ހިތުގެ ބަލިތަކާއި ނޭވާ ހިއްލުމުގެ މައްސަލަ ހުންނަ މީހުން ހިމެނެއެވެ. ހާއްސަކޮށް މިފަރާތްތަކަށް އަށަގެންނެވިދާނެ ބައެއް އާދަތައް ޑރ. ޗަރޫ ކިޔައިދެއްވިއެވެ.

އެންމެ ފުރަތަމަ އަދި މުހިންމުކަމެއް ދޭންވީ ކެއުމަށްކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ކާބޯހައިޑްރޭޓް ޑައިޓެއްގައި ހުރުން މުހިންމުކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ލޭމައްޗަށް ދިޔުމާއި ހަކުރު އެއްވަރެއްގައި ހިފަހައްޓައިދޭނެކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ޕްރޮޓީން މަތި ކާނާ ދުވަހުގެ ކެއުމުގައި ހިމަނަން ޑޮކްޓަރު އިލްތިމާސްކުރިއެވެ. މޭވާއާއި ތަރުކާރީ ކެއުމުގައި ހިމެނުމަކީ މުހިންމުކަމެއްކަން ފާހަގަ ކުރައްވައި ޑޮކްޓަރު ވިދާޅުވީ ވިޓަމިން ގިނަ އަދަދަކަށް ހިމެނޭ ބާވަތްތައް ދުވަހުގެ ކެއުމުގައި ހިމަނަން އާދަކުރަން ޖެހޭ ކަމަށެވެ. އޭގެ ތެރޭގައި މަޝްރޫމްސް، ފަޅޯ، ޓޮމާޓޯ، ބެލް ޕެޕާ، އަދި ފެހި ތަރުކާރީއާއި، ބްރޮކޮލީގެ އިތުރުން ސްޕިނެޗް ވެސް ހިމެނިދާނެއެވެ.

ކެއުމުގެ އިތުރުން ރޭގަނޑުގެ ވަގުތުގައި ހަތެއް ނުވަތަ އަށް ގަޑައިރުގެ ނިދި ލިބުން ވަރަށް މުހިންމެވެ. ދިފާއީ ނިޒާމު ވަރުގަދަކޮށް ބެހެއްޓުމާއި ހަމަނިދި ގުޅިފައިވާކަން ޑޮކްޓަރު ވެސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ގިނަގިނައިން ފެން ބުއިމާއި ކަސްރަތުކުރުމުގެ އިތުރުން ސިކުނޑިއަށް ލުއިކަން ހޯދައިދިނުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން ޔޯގާ ނުވަތަ އެނޫން ވެސް މެޑިޓޭޝަނެއް ހެދުން މުހިންމެވެ. މީގެ އިތުރުން ގޯސް އާދަތަކާއި ދުރުވުން ވަރަށް މުހިންމެވެ. އެއީ ސިނގިރޭޓު ބުއިމާއި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އެހެން ވެސް ބާވަތްތަކާ ދުރުވުމެވެ.

ޑޮކްޓަރު ވިދާޅުވެފައި ވަނީ ދިފާއީ ނިޒާމު ނުސީދާކޮށް ގުޅެނީ މީހާގެ ނަފްސާނީ ދުޅަހެޔޮކަމާއެވެ. އަދި ހާއްސަކޮށް ގިނަ ވަގުތު ގޭގައި ހޭދަކުރަން ޖެހުމަކީ ނަފްސާނީ ކަންކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަމަށް ޑރ. ޗެރޫ ފާހަގަކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!