މަސްތުވާތަކެއްޗާއެކު ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވާތީ މަޖިލީހަށް ކުއްލި މައްސަލައެއް
ރާއްޖޭގައި މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރާ މީހުން ފަސޭހައިން ދޫވާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.
މި މައްސަލަ ހުށަހަޅަމުން މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ހިންގާ ބޮޑެތި އޮޕަރޭޝަންތަކުގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރާ މީހުން ތަޙުޤީޤީ މަރުހަލާއާއި އަދި ކޯޓު މަރުހަލާއިން މިނިވަންވެ، މުޖްތަމަޢުގެ ތެރެއަށް ދޫވުމާއި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅޭތީއާއި, ގިއަދަދެއްގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރާ ބައެއް ފަރާތްތައް ރާއްޖެއިން ބޭރަށް ފުރައިގެންދާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާތީއާއި އެފަދަ ފަރާތްތަކުން ދުނިޔޭގެ މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ ބޮޑެތި ނެޓްވަރކްތަކާ ގުޅިގެން ބޮޑެތި އަދަދުތަކުން ދިވެހިރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރާ މިންވަރު އިތުރުވެ، މަސްތުވާ ތަކެތީގެ ހަބަކަށް ދިވެހިރާއްޖެ ބަދަލުވެފައި ވާއިރު މަސްތުވާ ތަކެތި އެތެރެކުރާ މީހުންނާމެދު ފިޔަވަޅު ނާޅާ ކަމަށެވެ.
އަދި އެފަދަ ފަރާތްތައް ކޯޓު މަރުހަލާއިން ދޫވާ މައްސަލަ އިސްތިއުނާފުނުކުރާ ކަމަށާއި، މަސްތުވާ ތަކެތި ބޭނުންކުރާ މީހުން ކަންބޮޑުވާ މިންވަރަށް އިތުރުވެ، މަގުމަތީގައި ހިނގާބިގާވެ އުޅުމަށް ބިރުގަންނަ މިންވަރަށް މަގުތަކާއި ގޯޅިތަކުގައި މަސްތުވާ ތަކެތި ބޭނުންކޮށް ގެންގުޅޭ މީހުން ގިނަވަމުންދާ ކަމަށާއި، ޒުވާން ޖީލުތައް ހަލާކުވެ، އިޖުތިމާޢީ މައްސަލަތައް ގިނަވެ، މުޖްތަމަޢުގެ ތެރޭގައި ބިރުވެރިކަން އުފެދިފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
"މަސްތުވާތަކެތީގެ މި މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު އަދި މިކަމުގެ ސަބަބުން ގައުމަށް ނޭދެވޭ އަސަރު ކުރަމުންދާ މައްސަލައެއް. އަދި މިކަމުގެ ސަބަބުން ވަރަށް ބޮޑެތި އިޖްތިމާޢީ މައްސަލަަތައް ވެސް ދިމާވަމުންދާ މައްސަލައެއް. މިއަދު މި މައްސަލަ އަޅުގަނޑު މަޖިލީހަށް މި ހުށަހެޅީ ހަގީގަތުގައި މިކަން ރާއްޖޭގައި ހިނގަމުން ދިޔަޔަސް މިހާރަކަށް އައިސް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެ އަދި މިކަމަށް ފުލުހުންނާ މިކަމާ ގުޅުންހުރި ބައެއް ފަރާތްތަކުން ބޮޑެތި އަދަދު ތަކުން ނަގަމުން ދިޔަ ކަމުގައި ވިޔަސް މިކަމާ ގުޅުން ހުރި ފަރާތްތަކާ ދޭތެރޭ އަޅަން ޖެހޭ ފިޔަވަޅު އަޅަމުންދާތަން ފެންނަމުން ނުދޭ" ޝަރީފް ވިދާޅުވިއެެވެ.
މީގެ އިތުރުން ޝަރީފް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތި އެތެރެކޮށް ވިއްކަމުންދަނީ، މުޅި ދައުލަތް ބައިވެރި ވެގެން ހިންގާ "ސްޓޭޓް ސްޕޮންސރަޑް" ވިޔަފާރިއެއްގެ ގޮތުގައި ކަމަށް ބެލެވޭ މިންވަރަށް ކަމަށާއި، މަސްތުވާ ތަކެތީގެ ވިޔަފާރިކުރާ މީހުން ފާޅުކަން ބޮޑުގޮތެއްގައި ދޫވަމުންދާކަމަށެވެ.