600 މީހުން ބޫސްޓާ ޑޯޒް ޖަހައިފި، އިސްކަން ދެނީ ވެކްސިން ފުރިހަމަ ކުރަން

ކޮވިޑް-19ގެ އާލަމީ ވަބާއިން ރައްކާތެރިވުމަށް ރާއްޖެއިން މިހާތަނަށް 601 މީހުން ބޫސްޓާ ޑޯޒް ޖަހައިފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް ބޮޑަށް އިސްކަން ދެނީ އާބާދީގެ 90އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
ވެކްސިންގެ ބޫސްޓާ ޑޯޒް ދޭން ފެށީ މި ހިނގާ އޮކްޓޯބަރު މަހުގެ 3ވަނަ ދުވަހުއެވެ. އެގޮތުން ބޫސްޓާ ޑޯޒް ދީފައި ވަނީ އުމުރުން ދުވަސްވީ މީހުންނަށާއި ބޮޑެތި ބައެއް ބަލިތަކަަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށެވެ.
ރަށްރަށުގައި ވެސް ބޫސްޓާ ޑޯޒް ޖަހަން ވަނީ ހުޅުވައިލައިފައެވެ. ބޫސްޓާ ޑޯޒް ޖަހަނީ ވެކްސިން ފުރިހަމަ ކުރިތާ ހަ މަސް ވެފައިވާ މީހުންނަށެވެ. ބޫސްޓާ ޑޯޒްގެ ގޮތުގައި ޖަހަނީ ފައިޒާ ވެކްސިންނެވެ.
ކޮވިޑުން ރައްކާތެރިވުމަށް ބޫސްޓާ ޑޯޒް މިހާރު ޖަހަނީ ފްރަންޓްލައިންގައި މަސައްކަތް ކުރާ ސިއްޙީ ހިދުމަތްތެރިންނަށާއި 60 އަހަރުން މަތީގެ މީހުންނަށާއި އަދި ދިފާއީ ނިޒާމު ބަލިކަށި މީހުންނަށެވެ.
މިއަދު ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑެމޮލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ރާއްޖޭގައި ދިރިއުޅޭ އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ކަމަށާއި ޑަބްލިއުއެޗްއޯއިން ވެސް ދޭ އިރުޝާދަކީ، ފުރަތަމަ ކަމަަކަށް އެ ގައުމެއްގެ އާބާދީއަށް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރަން އިސްކަން ދިނުން ކަމަށެވެ.