ޚަބަރު ރައްޔިތުންގެ މަޖިލިސް

ސަރުކާރު ސައިޒަށް ކަނޑައިލަން އިދިކޮޅު އޮތީ ނުކުޅެދިފައި: ޝަރީފު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފު

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އިދިކޮޅު ފަރާތްތަކަށް އަދާނުކުރެވޭކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަރަދޫ ދާއިރާގެ މަޖިލިސް މެމްބަރު އިބްރާހިމް ޝަރީފު (މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮޑިޓާ ޖެނެރަލް އޮފީހުން 2020 ވަނަ އަހަރުގެ ބަޖެޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓުގެ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން އިއްޔެގެ މަޖިލިސް ޖަލްސާގައި ޝަރީފު ވިދާޅުވީ އިދިކޮޅު ޕާޓީއެއް އޮންނައިރު އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރާ އެއްވެސްކަމެއް އެ ފަރާތްތަކަށް ކަމުނުދާނެ ކަމަށެވެ. އަދި މިއީ އެއްގޮތަކަށް ވެސް ހައިރާވާން ޖެހޭކަމެއް ނޫން ކަމަށާއި އެއީ އެކަން އާންމުކޮށް ހިނގާ އުސޫލުކަމަށް ޝަރީފު ވިދާޅުވިއެވެ.

ޝަރީފު ވިދާޅުވީ ސަރުކާރަށް ފާޑު ކިޔެންވާނެ ކަމަށާއި އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅުގެ ދައުރު އަދާކުރުމުގައި އެއީ ކުރަންޖެހޭ ކަމެއްކަމަށްވުން ވެސް އެކަށީގެންވާ ކަމަށެވެ. އެހެން ނަމަވެސް ޒިންމާދާރުކަމާ އެކު ފާޑުކިޔުމަކީ މުހިންމުކަމެއްކަމަށް ޝަރީފު ވިދާޅުވިއެވެ. އިދިކޮޅަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެމްބަރުންނަށް އަމާޒުކޮށް ޝަރީފު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރެވޭނީ ހަގީގަތެއްގެ މައްޗަށް ބިނާކޮށް މެމްބަރުން ވާހަކަ ދައްކައިގެން ކަމަށެވެ.

"އެ ނޫން ގޮތަކަށް ވާހަކަ ދައްކަންޏާ ތެދާ ދޮގު އޮޅި، ތެދު ދޮގަށްވެ، ދޮގު ތެދަށްވެ، އޮޅުން ބޮޅުންވެ، ވާނުވާ ނޭނގި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަތިވެރި މަސްއޫލިއްޔަތު އިދިކޮޅު ފަރާތްތަކުން އަދާކުރުމަށް ހުރަސްއެޅިގެންދާނެ." އޮޑިޓް އޮފީހަށް ހާއްސަ އިމާރާތެއް ފޯރުކޮށްދިނުމުގެ ވާހަކައިގެ ތެރެއިން ޝަރީފު އިދިކޮޅު މެމްބަރުންނަށް އަމާޒުކޮށް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފު ވިދާޅުވީ ކޮންމެ ސަރުކާރެއްގައި ވެސް އިސްލާހުކުރަން ޖެހޭ ކަންކަން އަބަދުވެސް ހުންނާނެ ކަމަށެވެ. އަދި ސަރުކާރު މަގުން ކައްސާލާ ފަހަރު އަންނާނީ މަދެއްކޮށެއް ނޫން ކަމަށާއި އިދިކޮޅު ޕާޓީއެއް އޮންނަނީ މިދެންނެވި ހާލަތްތަކުގައި ސަރުކާރު ހަމަ މަގަށް އަޅުވަންކަމަށް ޝަރީފު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އާންމު ބަހުރުވައިން ނަމަ ސައިޒަށް ކަނޑައިލަން" ޝަރީފު ވިދާޅުވިއެވެ.

ޝަރީފު އިތުރަށް ވިދާޅުވީ މިއަދު މަޖިލީހުގައި ތިއްބެވި އިދިކޮޅު މެމްބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިންމު މަސްއޫލިއްޔަތު އެންމެ އެކަށީގެންވާ ގޮތުގައި އަދާނުކުރެވޭކަން ހިތާމައާ އެކު ދަންނަވަން ޖެހޭ ކަމަށެވެ. މިއީ ކަންބޮޑުވާން ޖެހޭ ކަމެއްކަމަށާއި އެއްވެސް ސަރުކާރަކީ ފުރިހަމައަށް ހުރިހާކަމެއް ކުރެވޭ ސަރުކާރެއް ނޫންކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ސަރުކާރު މަގުން ކައްސާލާ ފަހަރު ސަރުކާރު ނިސްބަތްވާ ޕާޓީގެ މެމްބަރުންނަށް ފާޑު ވިދާޅުވާން އުނދަގޫވާނެކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެއީ އިންސާނީ ތޮބީއަތްކަމަށް ޝަރީފު ވަނީ ވިދާޅުވިއެވެ.

"އެހެންކަމަށް ވާއިރު އަޅުގަނޑުމެންގެ އިދިކޮޅު ނުވަތަ ވާދަވެރި ފަރާތްތަކުން އެބަޖެހޭ އެބޭފުޅުންގެ މަސްއޫލިއްޔަތު ބަރާބަރަށް އަދާކުރައްވަން. ސަރުކާރުން އުނިކޮށް، އެންމެ މޮޅަށް ނުކުރެވޭ ކަންތައްތައް ފާހަގަކޮށް އެކަންކަމާ މެދު މިމަޖިލީހުގައި ބިނާކުރުވަނިވި ގޮތެއްގައި ބަހުސް ކުރަން" ޝަރީފު ވިދާޅުވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސްއޫލިއްޔަތު އިދިކޮޅަށް އަދާނުކުރެވޭކަމަށް ޝަރީފު ވިދާޅުވިއިރު މަޖިލީހުގައި ތިއްބަވާ 87 މެމްބަރުންގެ ތެރެއިން 65 މެމްބަރުން ނިސްބަތްވެވަޑައިގަންނަވަނީ ސަރުކާރު ހިންގާ މައި ޕާޓީއަށެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ 3 މެމްބަރުން ތިއްބަވައެވެ. މަޖިލީހުގައި ތިއްބެވީ އިދިކޮޅުގެ 9 މެމްބަރުންނެވެ.

Ads by Ooredoo
  1. ކޮންބޯ

    ސައިޒުވާ ތަން މާލަހެއްނުވެ ފެންނާނެ.، އިންޝާﷲ.