ނިންމުން ބަދަލެއް ނުކުރާނަން، އިންތިހާބުގައި ބައިވެރިވާނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި: އުމަރު ނަސީރު
2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ނިންމަވައިފައިވާ ނިންމުން ބަދަލު ނުކުރައްވާނެ ކަމަށާއި ވާދަ ކުރައްވާނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް "އަވަސް" އިން ގެނެސްދިން ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން އުމަރު ނަސީރު ރޭ ވިދާޅުވީ 2023ގެ އިންތިހާބުގައި ވާދަކުރައްވަން ނިންމަވައިފައިވާ ނިންމުމުގެ މަތީގައި ދެމި ހުންނެވި ކަމަށާއި އެކަމަށް ޓަކައި ކުރައްވަން ޖެހިވަޑައިގަންނަވާ މަސައްކަތްތައް ވެސް ފައްޓަވައިފައިވާ ކަމަށެވެ.
އުމަރު ވިދާޅުވީ އިންތިހާބަށް ނިކުންނަވާއިރު އޭނާގެ ފަހަތުގައި ތައުލީމީ ގާބިލު ޓީމެއް އެބައޮތް ކަމަށެވެ. އެ ޓީމަކީ ސާފު ޓީމެއް ކަމަށާއި ނަމަވެސް އެއީ ސިޔާސީ ގޮތުން މަޝްހޫރު ބޭފުޅުން ހިމެނޭ ޓީމެއް ނޫން ކަމަށް ވެސް އުމަރު ވިދާޅުވިއެވެ. ކުރީގެ ހޯމް މިނިސްޓަރު ވިދާޅުވީ ރާއްޖެ މުޅީން އައު ގޮތަކަށް ބައްޓަން ކުރައްވަން މަސައްކަތް ކުރައްވާއިރު އެކަމުގައި ތިއްބަވާނީ ވެސް އައު ޓީމެއް ކަމަށެވެ.
"އެއްވެސް ޝައްކެއް ނެތް. އަޅުގަނޑު މިހުރީ 2023ގެ ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ގަސްތުކޮށްގެން. އެކަމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ވެސް ކުރަމުން އަޅުގަނޑު މި ގެންދަނީ. ﷲ އިރާދަކުރެއްވިއްޔާމު 2023ގެ ރިޔާސީ ޓިކެޓްގައި އުމަރު ނަސީރު، މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި އޮންނާނެ،" އުމަރު ނަސީރު ވިދާޅުވިއެވެ.
މީގެ އިތުރުން އުމަރު ވިދާޅުވީ ރާއްޖެ ބަދަލު ކުރެވޭނީ މިހާރު ސިޔާސީ މަސައްކަތުގައި ތިއްބެވި ފަސްބައި ކިލަނބު މީހުން ނުހިމަނާ ކުރެވޭ މަސައްކަތަކުން ކަމަށް ވެސް ވިދާޅުވިއެވެ.