ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން އެމްޓީސީސީން ޕްލޭން ކޮށްފައިވޭ: އާޒިމް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ހިންގަން ޕްލޭން ކޮށްފައިވާ ކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް ކޮމިޓީ (އެސްއޯއީ ކޮމިޓީ)ގެ ކޮމިޓީއަށް އާޒިމް މިއަދު ހާޒިރުކުރުމުން، މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ ހައުސިންގެ މަޝްރޫއުތައް ހޯދަން ޖެހެނީ އެ ކުންފުނިން މިހާރު ކުރަމުން އަންނަ ބާވަތްތަކުގެ މަސައްކަތް ކޮންމެވެސް ހިސާބަކުން ހުސްވާނެތީ، މަސައްތުގެ ދާއިރާ ފުޅާ ކުރަން ޖެހޭތީ ކަމަށާއި އެމްޓީސީސީއަށް ލިބޭ އާމްދަނީ އެއްވަރެއްގައި ހިފެހެއްޓޭނީ އެގޮތަށް މަސައްކަތް ފުޅާކޮށްގެން ކަމަަށެވެ.
"މިހާރު އަޅުގަނޑުމެންނަށް މި ފެންނަނީ ބަނދަރުތައް (ހެދުމާއި) މި މަސައްކަތްތަކަކީ ކޮންމެވެސް ހިސާބަކުން ނިމޭނެ ކަންތައްތަކަށް ވާއިރު، އެމްޓީސީސީއަކީ ސަރުކާރާއި ރައްޔިތުންގެ އެންމެ ބޮޑު ހިއްސާ އޮންނަ ކުންފުންޏަށް ވާތީ ޑައިވާސިފައިކޮށް (އާމްދަނީ އިތުރު ކުރަން ޖެހޭ)" އެމްޓީސީސީގެ ސީއީއޯ އާޒިމް ވިދާޅުވިއެވެ.
އާޒިމް އިތުރަށް ވިދާޅުވީ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާއަށް އެމްޓީސީސީން ވަންނާނީ ކުދިކުދި މަޝްރޫއުތައް ހިންގަން ނޫން ކަމަށާއި އަމާޒު ކުރާނީ ބޮޑެތި މަޝްރޫއުތަކަށް ކަމަށެވެ.