ކޮޕް26 ގައި ބައިވެރިވުމަށް ރައީސް ނަޝީދު ފުރައިވަޑައިގެންފި

ކޮޕް26 ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރައިވަޑައިގެންފިއެވެ.
ދުނިޔޭގެ އެންމެ ބޮޑު ތިމާވެށީގެ ސަމިޓް ކޮޕް26 ފަށާނީ އަންނަ އާދީއްތަ ދުވަހުއެވެ. މިއީ ދުނިޔޭގެ ތިމާވެށި ޙިމާޔަތްކުރުމަށް ޤައުމުތަކުން ކަނޑައަޅާ ލަނޑުދަނޑިތަކާއި ދުނިޔެ ހޫނުވުން ހުއްޓުވައި މޫސުމަށް އަންނަމުންދާ ބަދަލުތަކަށް ޙައްލެއް ގެނައުމަށް ނިންމުންތައް ނިންމަން އެތައް ސަތޭކަ ޤައުމެއް ގުޅިގެން ބާއްވާ މުހިންމު ބައްދަލުވުމެެކެވެ.
މިފަހަރުގެ ސަމިޓުގައި ދުނިޔޭގެ 100އަށް ވުރެ ގިނަ ޤައުމުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ. ކޮޕް 26ގައި ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރަން ބޭނުންވާ މާލީ އެހީތައް ހޯދަން މަސައްކަތްކޮށް އަޑު އުފުލާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ. ރައީސް ނަޝީދު ވަނީ މި ކޮންފަރެންސުގައި ރައީސްއާ އެކު ބައިވެރިވެޑައިގަންނަވަން ފުރުސަތު ލިބުމަކީ ރާއްޖޭގެ ނާޒުކު ތިމާވެށީގެ ހާލަތު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ލިބިގެންދާ އިތުރު ފުރުސަތެއްގެ ގޮތުގައި ފާހަގަ ކުރައްވައިފައެވެ.