ޚަބަރު

ހަޕްސެންގ ބިސްކޯދުގައި ސިއްހަތަށް ނުރައްކާވާ ކަހަލަ މާއްދާއެއް ނެތް: އެމްއެފްޑީއޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މެލޭޝިއާގެ އުފެއްދުމެއް ކަމަށްވާ "ހަޕް ސެންގް" ބްރޭންޑުގެ ކްރީމް ކްރޭކަރު ބިސްކޯދުގައި ސިއްހަތަށް ނުރައްކާވާ ކަހަލަ މާއްދާއެއް ނެތް ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ބުނެފިއެވެ.

Ads by MWSC

އެމްއެފްޑީއޭއިން މިހެން ބުނެފައި މިވަނީ އެ ބްރޭންޑުގެ ބިސްކޯދުގައި ކެންސަރު ޖެހޭ މާއްދާއެއް ކަމަށްވާ ކާސިނޮޖެންސް އެކުލެވޭ ކަމަށް، ހޮންކޮން ކޮންސިއުމާ ކައުންސިލް (އެޗްކޭސީސީ)އިން ބުނެފައިވާތީ އެ އޮތޯރިޓީން އެކަން ބެލުމަށް ފަހުއެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖޭގައި ކެއުމަށް ބޭނުންކުރާ ބާވަތެއްގައި ސިއްހަތަށް ނުރައްކާވާ މިންވަރަށް އެއްވެސް މާއްދާއެއް ހިމެނޭ ނަމަ އެ އޮތޯރިޓީން އެކަމެއް ބަލައި އާންމުންގެ ސަމާލުކަމެއް ގެންނާނެ ކަމަށެވެ.

އެޗްކޭސީސީގެ އެ ރިޕޯޓާ ގުޅިގެން މެލޭޝިއާ ސަރުކާރުން ވެސް ވަނީ އެކަން ދިރާސާ ކޮށްފައެވެ. އެގޮތުން އެޤައުމުން ބުނެފައި ވަނީ ހަފްސެންގ ބިސްކޯދުގައި ކާސިނޮޖެނިކްގެ މާއްދާއެއް ކޮންމެވެސް މިންވަރަކަށް ހުރި ނަމަވެސް އެއީ ސިއްހަތަށް ގެއްލުންވާ މިންވަރަށް ހިމެނޭ މާއްދާއެއް ނޫން ކަމަށެވެ.

އިންޓަނޭޝަނަލް އޭޖެންސީ ފޯ ރިސާޗް އޮން ކެންސާގެ ދިރާސާތަކުގައި ބުނެފައި ވަނީ ކާސިނޮޖެންސްގެ މާއްދާތަކުގެ ތެރޭގައި ހިމެނޭ އެކްރިލަމައިޑް އަދި ގްލެސިޑޮލްއަކީ ކެންސަރު ޖެހުމުގެ ފުރުސަތު އޮތް މާއްދާތަކެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!