ޚަބަރު

ފަނޑިޔާރުންގެ ލީކްވި އޯޑިއޯ: ގާޟީ ފާއިޒްގެ އަޑު ކަމަށް ކަށަވަރުވާތީ މައްސަލަ ބަލަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ގާޟީ ފާއިޒު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވި ކުރިމިނަލް ކޯޓުގެ ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޟީ ހުސެއިން ފާއިޒު ރަޝާދުގެ ލީކްވި އޯޑިއޯ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީއިން ބަލަން ނިންމައިފިއެވެ.

Ads by STELCO

ރައީސް ޔާމީންނަށް އިއްވި ހުކުމާ ގުޅޭ ތިން ގާޟީއެއްގެ އޯޑިއޯއެއް ކަމަށް ބުނާ ރިކޯޑިންގއެއް ވަނީ ލީކް ވެފައެވެ. ޖޭއެސްސީގެ އެދުމުގެ މަތިން ފުލުހުން ވަނީ އެ އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއެއް ހަދައިފައެވެ.

ލީކްވި އޯޑިއޯތަކުގެ ތެރެއިން ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުކަމަށް ބުނެ ދައުރުވި އޯޑިއޯތަކަކީ ސައްޙަ އޯޑިއޯތަކެއް ނޫން ކަމަށް ޖޭއެސްސީން ހާމަކުރެއެވެ.

ލީކްވި އޯޑިއޯތަކާ ގުޅޭ ގޮތުން މިރޭ ޖޭއެސްސީއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފޮރެންސިކް ތަހުލީލަށް ފޮނުވި ތިން އޯޑިއޯއަކީ ވެސް ޓެމްޕަރކޮށް ރެކޯޑިންގައިވާ ވަކި ބައެއް ޑިލީޓްކޮށް ނުވަތަ ވަކި ވަކި ކްލިޕްތަކަކުން ގުޅުވައިފައިވާ އޯޑިއޯތަކެއްކަން ފޮރެންސިކް އެނާލިސިސްއިން އެނގޭ ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯގައިވާ އަޑަކީ އޭނާގެ އަޑުކަމަށް ތަހްލީލުން އެނގޭ ކަމަށް ބަޔާނުގައިވެއެވެ.

ލީކްވި އޯޑިއޯގައި ގާޟީ ފާއިޒު ވިދާޅުވެފައި ވަނީ، ރައީސް ޔާމީންގެ މައްޗަށް ޔާމީންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ހުކުމް ކުރީ، ޔާމީންގެ މަސްލަހަތަށް ޓަކައި ކަމަށެވެ. އަދި ސިޔާސީ މީހަކަށް ޙައްޤުން ވިޔަސް ނުޙައްޤުން ވިޔަސް ޖަލު ހުކުމެއް އިއްވައިފި ނަމަ، ރައްޔިތުންގެ ތާއިދު އެމީހަކަށް ބޮޑުވާނެ ކަމަށާއި އެ ވާހަކަތައް 2023ގައި ތަފްސީލް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ލީކްވި އޯޑިއޯގައި ގާޟީ ފާއިޒު އިތުރަށް ވިދާޅުވީ، ރައީސް ޔާމީނާ ދެކޮޅަށް ޙުކުމް ކުރެއްވީ މަޤާމުގެ ބިރުން ނޫން ކަމަށެވެ. އަދި ރައީސް ޔާމީންގެ ހުކުމާ ގުޅިގެން ރަހީން ކުރިތޯ، ލީކްވި އޯޑިއޯގައި ސުވާލު ކުރުމުން ވިދާޅުވީ، "އެހެން ކަމަށް ބަލަމާހޭ" ވިދާޅުވާ އަޑު އިވެއެވެ. ހަމައެހެންމެ ރަހީނު ކުރެވޭ ބައިވަރު ގޮތްތައް ހުންނާނެ ކަމަށް އޭނާ ވިިދާޅުވިއެވެ.

ގާޟީ ފާއިޒުގެ މައްސަލަ ބަލަން ޖޭއެސްސީން ނިންމެވީ، އެ އޯޑިއޯގައި ކޯޓުގެ ޝަރީޢަތަކާ ގުޅޭގޮތުން ކޯޓުން ބޭރުގައި ގިނަ ވާހަކަތަކެއް ދައްކާފައިވާތީ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއެވެ. އަދި އެގޮތަށް ފަނޑިޔާރު ޢަމަލު ބެހެއްޓެވުމުގެ ސަބަބުން، ބަޔަކަށް އޭގެ ނާޖާއިޒް ފައިދާނެގުމުގެ ފުރުޞަތު ފަހިވެ، އެހެން ފަނޑިޔާރުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލޭގޮތަށް، އޯޑިއޯތަކެއް ހަދައިގެން ދައުރުކުރުމުގެ އަމަލުހިންގުމަށް މަގު ފަހިވެގެން ދިޔަކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

އެހެން ނަމަވެސް އެ އޯޑިއޯގައި ދައްކާފައިހުރި ވާހަކަތަކަށް ބަލާއިރު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިންގި ޝަރީޢަތާ ގުޅިގެން އެއްވެސް ފަރާތަކުން އެއްވެސް ފަނޑިޔާރަކާ ބައްދަލުކޮށްފައިވާކަމަށް، ނުވަތަ ބައްދަލު ކުރަން އެދިފައިވާކަމަށް ނުވަތަ އެ ޝަރީޢަތަށް ނުފޫޒުހިންގުމަށް އެއްވެސް މަސައްކަތެއްކޮށްފައިވާކަމަށް ބުނެފައި ނުވާކަން އެ ކޮމިޝަނަށް ފާހަގަ ކުރެވުނު ކަމަށް ބަޔާނުގައިވެއެވެ.

Ads by Allied Insurance
  1. ޢައްޔު

    ކަތިލަންް ބޭނުންވާއިރަށްް އޯޑިއޯޯ ދިމާވެއްޖެެ ހައްހައް