އޭޝިއާ

އަފްޣާނިސްތާނުގައި ބޭރު ފައިސާ ބޭނުންކުރުން މަނާކޮށްފި 

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ަ

އަފްޣާނިސްތާނުގައި ބޭރު ފައިސާ ބޭނުންކުރުން މުޅިން މަނާކުރިކަން ޠާލިބާނުން އިޢުލާނުކޮށްފިއެވެ.

ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާ ހަވާލުވުމާއެކު، ބައިނަލްއަޤްވާމީ ގިނަ ބާރުތަކުން އަފްޣާނިސްތާނުގެ ދައުލަތް ބަލައިނުގަންނާނެ ކަމަށް ބަނީ ބުނެފައެވެ. މިއާ އެކު އެޤައުމުގެ އިޤްތިޞާދު ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ތާލިބާނުންގެ މި ނިންމުމާ އެކު، އިޤްތިޞާދު ބަނގުރޫޓުވުމުގެ ތުންފަތްމައްޗަށް ވެއްޓިފައިވާ އިޤްތިޞާދަށް އިތުރު ހީނަރުކަމެއް އަންނާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.

މި ނިންމުން ތާލިބާނުން އާއްމުކޮށްފައި ވަނީ، އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގައި ހުންނަ އަފްޣާނިސްތާނުގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ބަޑީގެ ހަމަލާތަކެއްދީ 19 މީހުން މަރައިލައި އިތުރު އެތައް ބަޔަކު ޒަޚަމްކޮށްލިތާ ގަޑިއިރުތަކެއް ފަހުންނެވެ.

އެމެރިކާއިން އަފްޣާނިސްތާނު އިސްތިއުމާރުކޮށްގެން ތިބުމާ ގުޅިގެން އެ ޤައުމުގެ ބާޒާރުތަކުގައި އެމެރިކާ ޑޮލަރު ވަރަށް ގިނައިން ބޭނުން ކުރެއެވެ. އަދި ބޯޑަރު ކައިރީ ސަރަހައްދުތަކުގައި ޕާކިސްތާނު ފަދަ އަވަށްޓެރި ގައުމުތަކުގެ ފައިސާ ވިޔަފާރި މުއާމަލާތްތަކަށް ބޭނުން ކުރެއެވެ.

ތާލިބާން ޖަމާއަތުގެ ސަރުކާރުން، މަރުކަޒީ ބޭންކުގެ ރިޒާވްއިން އެތައް ބިލިއަން ޑޮލަރެއް މާކެޓަށް ނެރުމަށްދަނީ ޕްރެޝަރު ކުރަމުންނެވެ. އަފްޣާނިސްތާނުގެ ކުރީގެ ހުޅަނގުގެ ތާއީދު ލިބިފައިވާ ސަރުކާރުން ވަނީ އެމެރިކާގެ ފެޑެރަލް ރިޒާވްއާއި ޔޫރަޕްގެ އެހެން މަރުކަޒީ ބޭންކުތަކާއި އަފްޣާނިސްތާނުގެ އެތައް ބިލިއަން ޑޮލަރެއްގެ އެސެޓްތައް ރައްކާކޮށްފައެވެ.

ނަމަވެސް މިދިޔަ އޮގަސްޓް މަހު ތާލިބާނުން އެ ގައުމާ ހަވާލުވުމަށް ފަހު، އެމެރިކާއާއި ވޯލްޑް ބޭންކާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް)އިން ނިންމީ އަފްޣާނިސްތާނަށް 9.5 ބިލިއަން ޑޮލަރަށް ވުރެ ގިނަ އެސެޓް ބްލޮކް ކުރުމަށެވެ. މިއާއެކު ތާލިބާނުންގެ ސަރުކާރަށް ޤައުމު ހިންގުމަށް ދަތިތަކާއި ދަނީ ކުރިމަތިވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!