އައްޑޫގައި ޑެންގޫ، ލޮލުރޯގާ އަދި ވައިރަލް ހުން ފެތުރޭތީ ސަމާލުވާން އަންގައިފި

އައްޑޫ ސިޓީގައި ޑެންގޫ ހުމާއި ލޮލުރޯގާ އަދި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުން އެދިއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވީ މިދުވަސްވަރު އައްޑޫ ސިޓީގައި ޑެންގޫ ހުމާއި ލޮލުރޯގާ އަދި ވައިރަލް ހުމަށް ޕޮޒިޓިވް ވެފައިވާ ބަލިމީހުން ފެންނަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ.
އެ ހޮސްޕިޓަލުން ވަނީ ޑެންގޫ ހުމާއި ލޮލުރޯގާ އަދި ވައިރަލް ހުމުގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ވީހައި ވެސް އަވަހަކަށް ޑޮކުޓަރަށް ދައްކާ ފަރުވާ ހޯދުމަށް އެދިފައެވެ.
އަދި ޑެންގޫއިން ރައްކާތެރިވުމަށް ޓަކައި ވީހައި ވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ހެދުން އަޅައިގެން އުޅުމަށާއި ގެއާއި ގޯތި ތެރޭގައި މަދިރިން ރައްކާތެރިވުމަށް ބޭނުންކުރާ ޒާތުގެ ލޯޝަން ބޭނުން ކުރުމާއި އަދި މަދިރި އާލާވާފަދަ ތަންތަން ނައްތައިލާށް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ލޮލުރޯގާގެ އަލާމާތެއް ފެނިއްޖެ ނަމަ ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާ ވެސް މަދުކުރުމަށް އަދި ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
މޯގެ އިތުރުން ވައިރަލް ހުން ހުން އައިސް ކެއްސާ ކިނބިހިއަޅާ ނަމަ ބޭރަށް ނުކުމެ އުޅުމާއި ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ވީހާ ވެސް މަދުކުރުމުގެ އިތުރުން ބޭރުން ގެއަށް އައިސް ރަނގަޅަށް އަތްދޮވުން އަދި ކިނބިހިއަޅާ ނަމަ އަނގަޔާއި ނޭފަތް ޓިޝޫ ފަދަ އެއްޗަކުން ނިވާކުރުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އިލްތިމާސް ކޮށްފައެވެ.