އިސްލާމްދީނުގެ ސައްޙަ އަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ: ރައީސް ޞާލިޙް
އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ކުދިން ތަރުބިއްޔަތު ކުރުމަކީ، ހެޔޮލަފާ ޖީލެއް ބިނާކުރުމުގެ ބިންގާކަމަށާއި އެހެންކަމުން ތުއްތު ދަރިންގެ ހިތްތަކުގައި، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ ފުރިހަމައަށް ސާބިތުކޮށްދެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެދިވަޑައިގެންފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރާއްޖެ އިސްލާމުވި ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ދިވެހި ޤައުމިއްޔަތު ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާގެ މަތީގައިކަން ފާހަގަކުރެއްވިއެވެ. އަދި އެ ނިޢުމަތުގެ މަތީގައި ތާއަބަދަށް ދެމިތިބެވޭތޯ ގަދައަޅައި މަސައްކަތް ކުރުމަކީ، ކޮންމެ ދިވެހި ފަރުދެއްގެ ބޮލުގައި އެޅިފައިވާ، ދީނީ އަދި ޤައުމީ ވާޖިބެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ދިވެހި މުޖްތަމަޢަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި ޢަމަލުތަކެއް، ދީނީ ކަންތަކެއްގެ ގޮތުގައި، ފެތުރުމަށް، ބަޔަކު ކުރަމުންދާ މަސައްކަތްކަން ފާހަގަކުރެއްވިއެވެ. އަދި އޭގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ޤަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި ޢަމަލުތައް ހިންގަން ފެށުންކަމަށާއި މިސަބަބަށް ޓަކައި، ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ޞައްޙަ ޢަޤީދާ، ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ޚާއްޞަ ސަމާލުކަން ދެއްވުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބު ނިންމަވައިލައްވަމުން ވަނީ އަނެކުންގެ ފުރާނައާއި މުދަލާއި އަބުރަށް ޙުރުމަތްތެރިކޮށް ހިތައި ރައްކާތެރިވުމުގައި، މާތް ނަބިއްޔާ ދެއްކެވި މަތިވެރި ނަމޫނާގައި ހިފައި އެގޮތަށް ޢަމަލުތައް ބައްޓަންކުރުމަށް އެދިވަޑައިގަންނަވައިފައެވެ. އަދި ޙަސަދަވެރިކަމާއި ޢަދާވާތްތެރިކަމުން އެއްކިބާވެ، މީސްތަކުންނަށް މަޢާފްކުރުމަށާއި ބަދަލު ނުހިފުމަށް، މާތް ނަބިއްޔާ ތަކުރާރުކޮށް ދެއްވި އިރުޝާދުތައް ތާއަބަދު ސިކުނޑީގައި ހަރުލެއްވުމަށާއި ކުލުނާއި އޯގާތެރިކަން އިސްކޮށް އިސްލާމްދީނުގެ ރިވެތި އަޚްލާޤުގެ މަތީގައި ސާބިތުވެ ތިބުމަށް އެ މަނިކުފާނު އިލްތިމާސްކުރެއްވިއެވެ.
ރާއްޖެ އިސްލާމުވި ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ޙިޖުރީ ސަނަތުން ކޮންމެ ރަބީޢުލް އާޚިރާ މަހެއްގެ 2ވަނަ ދުވަހެވެ.