ޚަބަރު

ފުލުހުންގެ ޔުނިފޯމް ކެމެރާ އަންނަ އަހަރު ބޭނުން ކުރަން ފަށަނީ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ފްރަންޓްލައިންގައި މަސައްކަތް ކުރާ ފުލުހުން ބޭނުންކުރުމަށް ބޮޑީ ވޯން ކެމެރާ ނުވަތަ ޔުނިފޯމުގައި ހަރުކުރާ ކެމެރާ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޭނުން ކުރަން ފަށާނެކަމަށް ކަމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން ޢަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އަޕަރ ނޯތު ޕޮލިސް ރީޖަން އަދި ނޯތު ޕޮލިސް ރީޖަންގެ ބައެއް ރަށްރަށަށް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު މާލެ ވަޑައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގެ ޚިދުމަތް ފުޅާ ކުރުމަށް ކުރެވޭ މަސައްކަތްތަކުން ރަނގަޅު ނަތީޖާތަކެއް ލިބިގެންދާނެކަމަށެވެ.

ފުލުހުންގެ އައު ގާނޫނުގެ ދަށުން، އެ މުއައްސަސާ ހިންގުމަށް މިހާރު ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އެ ބަދަލުތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ސީޕީ ވިދާޅުވީ އެ މުއައްސަސާގައި ބޭނުން ކުރެވޭ ވަސީލަތްތަކާއި، އަމަލުކުރަމުންދާ އުސޫލުތަކަށް ބަދަލު ގެނެސް ރައްޔިތުންނާއި ގާތުން ޚިދުމަތްދެވޭނެ މަގު ފަހި ކުރުމަކީ ފުލުހުންގެ އެންމެ ބޮޑު އަމާޒުކަމަށެވެ.

މިގޮތުން ފުލުހުންގެ ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފެށުމުން ފުލުހުންގެ ތެރެއިން ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފުލުހުންގެ ފަރާތުން މިހާރު މަދުން ނަމަވެސް ފެންނަ މައްސަލަތަކާއި، އަދި ބައެއް ހާލަތްތަކުގައި އާންމުންގެ ފަރާތުން ދިމާވާ މައްސަލަތައް ހައްލު ކުރުމަށް ވެސް ފަސޭހަ ވެގެންދާނެކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!