"60 އިންސައްތަ ރިސޯޓް މުވައްޒިފުންގެ މުސާރަ ޑަބަލްވެ، އެޖެންޑާ-19ގައި ބުނާ 10،000ރ މުސާރަ ލިބޭނެ"
އެމްޑީޕީއިން ވެރިކަމަށް އައިއިރު، އެޖެންޑާ-19ގެ ދަށުން ރިސޯޓް މުވައްޒިފެއްގެ އެންމެ ދަށް މުސާރައަކީ 10،000 ރުފިޔާ ކަމަށް ހަދައިދޭނެ ކަމަށް ވެވަޑައިގެންނެވި ވައުދު ، މިއަދު ކަނޑައެޅިގެން ދިޔަ މިނިމަމްވޭޖާ އެކު ފުއްދިއްޖެ ކަމަށް މިނިސްޓަރ އޮފް އެކޮނޮމިކް އެންޑް ޑިވެލޮޕްމެންޓް ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
މިނިމަމް ވޭޖް އިއުލާން ކުރެއްވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ފައްޔާޒް ވިދާޅުވީ، މިނިވަމް ވޭޖާ އެކު ރިސޯޓްތަކުގައި މަސައްކަތް ކުރާ 60 އިންސައްތައަށް ވުރެ ގިނަ ފަރާތްތަކުގެ މުސާރަ ޑަބަލް ވެގެންދާނެ ކަމަށެވެ.
"އެއީ ގާތްގަނޑަކަށް 16،000 ފަރާތްތަކުގެ ތެރެއިން 13،000 ފަރާތްތަކަށް ގާތްގަނޑަށް މީގެ ހެޔޮ މަންފާކޮށްފާ ކޮށްގެން މިދަނީ" ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ އެކި ރިސޯޓްގައި އެކި ވަޒީފާތަކުގެ މެދުގައި މުސާރައިގެ ވަރަށް ބޮޑެތި ތަފާތުތަކެއް ހުރިކަން ފާހަގަ ކުރެވުނު ކަމަށެވެ.
"އެންމެ ބޮޑުކޮށް ލިބޭ ދިވެހި މުވައްޒިފަކަށް އެބަހުރި ދެ ލައްކަ ރުފިޔާ މަހަކު ލިބޭ ވަޒީފާ. އެންމެ ދަށްކޮށް އެބަހުރި އެއްހާސް ރުފިޔާ ނޫނީ ދެ ހާސް ރުފިޔާ ލިބޭ ވަޒީފާ. ނަމަވެސް މި ހުރިހާ އެއްޗެއް އެވެރެޖް ކޮށްލައިފިއްޔާ ޓޫރިޒަމް އިންޑަސްޓްރީގައި ނުވަތަ ރިސޯޓްތަކުގައި ގާތްގަނޑަށް 7،000 ރުފިޔާގެ އެވެރެޖް ސެލެރީއެއް އެބަ އުޅޭ" ފައްޔާޒް ވިދާޅުވީ، އެވްރެޖް މުސާރަ މި ވަރަށް ހުރި ނަމަވެސް، ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ ބޮޑު ޕަސެންޓޭޖެއްގެ އެވަރެޖް އަދަދަކީ ފަސް ހާހާއި ހަތަރު ހާހާ ދޭތެރޭގެ އަދަދެއް ކަމަށެވެ. އަދި މިއަދު މި ގެނައި ބަދަލާ އެކު މި ރޭންޖުގެ މުސާރަ ލިބޭ މީހުންގެ މުސާރަ ޑަބަލް ވެގެންދާނެ ކަަމަށް ފައްޔާޒް ވިދާޅުވިއެވެ.
ރިސޯޓް މުވައްޒަފުންނަށްދޭ ސާވިސްޗާޖަކީ ދިނުން މަޖުބޫރު އެއްޗަކަށް މި ސަރުކާރުން ހެދިކަން ފާހަގަކޮށް މިނިސްޓަރު ފައްޔާޒް ވިދާޅުވީ، އެކަމުގެ ސަބަބުން ރިސޯޓްތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ކޮންމެ މަހަކު އެވްރެޖްކޮށް 5000ރ އާއި 10،000ރ އާ ދެމެދުގެ އަދަދެއް އިތުރަށް ލިބޭ ކަމަށެވެ. މިހެން ކަމުން އެޖެންޑާ-19ގައި ބުނާ މުސާރައާ އެއްވަރުގެ މުސާރައަށް ރިސޯޓް މުވައްޒިފުންނަށް ލިބިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.